ދެކުނުގެ ރަށެއްގައި 2 އަހަރު ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ރަށުތެރޭގެ ވާހަކަ އަޑުއިވިވަޑައިގަތަސް ރަސްމީކޮށް އެނގިވަޑައިނުގަންނަވާ ކަަމަށް އެ ކުއްޖާ ނިސްބަތްވާ ރަށު ކައުންސިލަރު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި މިރޭ ކުރިއަށް ދިޔަ ބައްދަލަވުމުގައި ވާހަކަ ދައްކަމުން ކުއްޖާ ނިސްބަތްވާ ކައުންސިލްގެ ރައީސް އަހްމަދު ޝަހީމް ވިދާޅުވީ، މި މަހުގެ 16 ވަނަ ދުވަހުގެ ކުރިން އޭނާއަށް ކުއްޖާގެ މުނިކާފައާ ގުޅޭ މައްސަލައެއް އެނގިވަޑައިގެންފައިވާ ކަމަށާއި އެކަން އެނގިވަޑައިގަތީ ހުސްވި ޑިސެންބަރު މަހު މީސްމީޑިއާގައި ދައުރުވި ވީޑިއޯއާ ގުޅޭ ގޮތުން ހުށަހެޅުނު މައްސަލައާ ހިސާބުން ކަމަށެވެ. އެއީ މިދިޔަ މަހުގެ 27 ވަނަ ދުވަސް ކަމަށް ޝަހީމް ވިދާޅުވިއެވެ.
އަދި ކުއްޖާގެ މަންމައާއި ބައްޕައަކީ މަސްތުވާތަކެތީގެ މައްސަލަ އޮންނަ މީހުން ކަން އެނގިވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލަ ފެށިގެން އައިސްފައި ވަނީ މަސްތުވާތަކެތީގެ ހިސާބުން ކަމަށް ވިދާޅުވަމުން ޝަހީމް ވިދާޅުވީ، ކުއްޖާ ހުރި މާހައުލުން އޭނާގެ ކަންބޮޑުވުން އޮތް ނަމަވެސް ދެން ކައުންސިލަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ވިދާޅުވެ އޭނާ ސުވާލު އުފެއްދެވިއެވެ.
ދެކުނުގެ ރަށެއްގައި 2 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ މުނިކާފައާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ، 17 ފެބްރުއަރީ 2017 ގައި 3 އަހަރުގެ ކުޑަކުއްޖަކަށް އެ މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލަ ހުށަހެޅިފައިވާ އިރު އެ މައްސަލަ ޕީޖީއަށް ހުށަހަޅައި، އެ މައްސަލަ ބަލާފައިވާ ކަން ކައުންސިލުގެ ރައީސްއަށް އެނގިވަޑައިގެންފައި ނުވޭތޯ އައްސަވާފައެވެ.
އެގޮތުން މުނިކާފައާ ބެހޭ ގޮތުން ރަށުތެރެއިން ވެސް އެއްވެސް ވަރަަކަށް ވާހަކަ އަޑުއިވިވަޑައިގެންފައި ނުވޭތޯ އައްސަވާ ސުވާލު ކުރެއްވިއެވެ. އަދި 3 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައުލޫމާތު ވެސް ކައުންސިލުގެ ރައީސަށް ލިބިވަޑައިގެންފައި ނުވޭތޯ އައްސަވާ ރޮޒައިނާ ސުވާލު ކުރެއްވިއެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ، މުނިކާފަގެ އިތުރު މައްސަލައެއް އޮތްކަން އެނގިވަޑައިގެންފައި ވަނީ މި މައްސަލަ އައުމުން ކަމަށާއި، އެއީ 17 ފެބްރުއަރީ 2018 ގައި ހިނގި މައްސަލަ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ކުރިން އެފަދަ މައްސަލައެއް އުޅޭކަން އެނގިވަޑައި ނުގަންނަވާ ކަމަށް ކައުންސިލަރު ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ، ރަސްމީ ހައިސިއްޔަތަކުން އެ މައުލޫމާތު ލިބިވަޑައިގެންފައި ނުވާ ކަަމަށެވެ. ނަމަވެސް ކުއްޖާގެ މުނިކާފައަކީ ޖިންސީ ގޯނާގެ މައްސަލައިގެ ރެކޯޑް އޮތް މީހެއްކަން އެނގިވަޑައިގެންފައިވާ ކަމަށާއި އެނގިވަޑައިގަތީ ފަހުން މައްސަލައެއް ފެންމަތިވި ހިސާބުން ކަމަށް އެނާ ވިދާޅުވިއެވެ. އަދި ރަށު ތެރޭގައި ދެކެވޭ ކޮންމެ ވާހަކައަކާ ގުޅިގެން އޭނާގެ ރަސްމީ ހައިސިއްޔަތުން ކަމާބެހޭ ފަރާތަށް އެންގެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ، 2 އަހަރުގެ ކުއްޖާގެ ކާފަގެ މައްސަލަައެއް މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ރިޕޯޓު ކޮށްފައިވާ އިރު އެ ކުއްޖާއަށް ނުރައްކާ އޮތްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަން އެއްވެސް މުއައްސަސާއަކާ ހިއްސާ ނުކުރެއްވީ އެކުއްޖާ އޭރު މައިންބަފައިންގެ ކައިރީ ހުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލައިގައި ކައުންސިލުގެ ރައީސްއާ ސުވާލު ކުރައްވަމުން ދިޔަ ވަގުތު މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ، 961 މީހުން ހިމެނޭ އާބާދީއެއްގައި ބެލެނިވެރި މުއައްސަސާއަށް ވެފައި ކައުންސިލުގެ ސަމާލުކަމަށް ކުޑަ ކުއްޖާގެ މައްސަލަ އައިސްފައި ނުވާ ވާހަކަ ގަބޫލު ކުރައްވަން ވަރަށް ދަތި ކަމަށެވެ.
ދެކުނުގެ ރަށެއްގައި 2 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަުގެ މައްސލައެއް ފެންމަތިވެފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން ކުއްޖާގެ ބައްޕަ ފަރާތު ކާފަ އަދި މުނިކާފަ ވަނީ ހައްޔަރު ކޮށްފައެވެ. އަދި އެ 2 މީހުންގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. މީގެ އިތުރުން އިހުމާލުގެ މައްސަލައެއްގައި ކުއްޖާގެ ބައްޕަވެސް ވަނީ ހައްޔަރުކޮށް 15 ދުވަހުގެ މުއްދަތު ޖަހާފައެވެ.
ކުއްޖާގެ މުނިކާފައަކީ މި ފަދަ މައްސަލަތަކުގެ ރެކޯޑު އޮތް މީހެކެވެ. އަދި ކުއްޖާގެ ކާފައަކީ އެރަށުގެ މުދިންކަން ކުރާ މީހެކެވެ. އެ ރަށުގެ ކައުންސިލުން ވަނީ އެ ކުއްޖާގެ ކާފަ މުދިންކަމުން ރިޓަޔާ ކުރުވުމަށް އެދި މީގެ 2 މަސްކުރިން އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅާފައެވެ. މިރޭ އިސްލާމިކް މިނިސްޓްރީން ވަނީ އޭނާ މުދިންކަމުން ސަސްޕެންޑްކޮށްފައެވެ.
ނައިފަރުގަ ކުޑަކުއްޖަކާބެހިގެން އުޅެނީ ޅަވިޔަނި އަތޮޅު ކައުންސިލް ރައީސަކަށް އެމްޑީޕީ ޕްރައިމެރީގަ ނައިފަރުން ވާދަކުޜާ މީހާގެ ދަނބިދަރި. މައްސަލަ އޮއްބާލާފަ ކައުންސިލާ ފުލުހުންނާ ޖެންޑާއިން އެތިބެނީ އަޅާވެސްނުލާ