ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުއްޖާގެ ކާފަ، މުދިންކަމުން ސަސްޕެންޑް ކުރުމުން، މުދިމަކަށް ޖިންސީގޯނާގެ ތުހުމަތެއް ކުރެވޭ ހިސާބުން ޖެހެނީ ވަޒީފާއިން ވަކިކުރަން ކަމަށް ވިދާޅުވެ، ރައީސް ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް އިސްލާމިކް މިނިސްޓްރީއަށް ފާޑުވިދާޅުވެއްޖެއެވެ.

ޝަމީމް ވިދާޅުވީ އެފަދަ މަގާމެއްގައި ހުރި މީހަކަށް އެފަދަ ތުހުމަތެއް ކުރެވޭ ހިސާބުން ވަޒީފައިން ވަކިކުރަން ޖެހޭނެ ކަމަށެވެ.

އޭނާ ސަސްޕެންޑު ތިޔަ ކުރީ އޭނާ ބަންދުގަ އޮވެގެން ދޫނިދޫ މިސްކިތުގައި މުދިންކަން ކޮށްފާނެތީތަ؟. މުދިމަކަށް ތިޔަފަދަ ތުހުމަތެއް ކުރެވޭ ހިސާބުން ޖެހޭނީ ވަޒީފާއިން ކަނޑާލަން.
އާދަމް ޝަމީމް

ޝަމީމް މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގެ ދެކުނުގެ ރަށެއްގައި 2 އަހަަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ފެންމަތި ވެފައި ވާއިރު، އެ ކުއްޖާއަށް ޖިންސީ އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ ކާފަ، މުދިންކަމުން މިއަދު ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ. އިސްލާމިކް މިނިސްޓްރީން މިއަދު އޭނާ ސަސްޕެންޑް ކުރި އިރު، އޭނާ ނިސްބަތްވާ ރަށު ކައުންސިލުން އޭނާ ވަޒީފާއިން މުސްކުޅިކޮށް ރިޓަޔާ ކުރުވާފައި ވާތާ 2 މަސް ވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން އޭނާ ސަސްޕެންޑް ކޮށްފައި ވާއިރު އެ ކުއްޖާގެ ކާފަ ވަނީ އިއްޔެ ހަވީރު ހައްޔަރުކޮށް، ގެމަނަފުށްޓަށް ގެންގޮސް، އެރަށު ކޯޓުން 15 ދުވަހަށް ބަންދުގެ މުއްދަތު ޖަހާފައެވެ. އަދި މިއަދު ހެނދުނު އެމީހާ ވަނީ މާލެ ގެނެސްފައެވެ.