ރާއްޖޭގެ ދެކުނުގެ ރަށެއްގައި 2 އަހަަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތި ވެފައިވާއިރު، އެ ކުއްޖާއަށް ޖިންސީ އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ ކާފަ މުދިންކަމުން ސަސްޕެންޑް ކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން 'ދަ ޕްރެސް' އަށް މައުލޫމާތުދެމުން ބުނީ، ދެ އަހަރުގެ ކުއްޖާގެ މައްސަލަ ފެންމަތިވި ހިސާބުން ފެށިގެން އެ މިނިސްޓްރީން ދަނީ މައްސަލަ ތަހުގީގު ކުރަމުން ކަމަށެވެ. އަދި މިކަމުގައި އެ މިނިސްޓްރީގެ މުވައްޒަފަކު ހިމެނޭތީ، އެ މިނިސްޓްރީ ވަނީ މުވައްޒަފު ސަސްޕެންޑްކޮށްފައި ކަމަށެވެ.އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައިވާއިރު، މުދިންކަން ކުރާ އެ ކުއްޖާގެ ކާފައަށް ދީފައިވާ މުދިންކަމުގެ ހުއްދަ ބާތިލު ކުރުމަށް މީގެ ދެ މަސް ކުރިން އެދިފައިވާ ކަމަށް އެރަށު ކައުންސިލުން ވަނީ 'ދަ ޕްރެސް' އަށް މައުލޫމާތު ދީފައެވެ. މީގެ ދެ މަސްކުރިން އެފަދަ މައްސަލައެއް ހުށަހަޅާފައިވޭތޯ އިސްލާމިކް މިނިސްޓްރީއާ ސުވާލު ކުރުމުން އެ މިނިސްޓްރީން ބުނީ، އެ މުދިމުގެ މައްސަލައެއް މީގެ ކުރިން އެ މިނިސްޓްރީއަށް ހުށަހަޅާފައިވާކަން ފާހަގަވެފަި ނުވާ ކަމަށާއި، އެކަން އިތުރަށް ބަލަމުންދާ ކަމަށެވެ. މީގެ އިތުރުން، މި މުދިމުގެ މައްސަލަ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ވެސް ފެންމަތިވެފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުން ދަނީ ދޮގު ވާހަކައެކެވެ. އެކަން 'ދަ ޕްރެސް' އަށް ކަށަވަރުވެފައިވާއިރު، އިސްލާމިކް މިނިސްޓްރީން ބުނީ، އެރަށުގެ މުދިމެއްގެ މައްސަލަ ކުރިން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެއީ މިހާރު ފެންމަތިވެފައިވާ މައްސަލާގައި ހިމެނޭ މުދިމުގެ މައްސަލައެއް ނޫން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.އިސްލާމިކް މިނިސްޓްރީން އޭނާގެ ސަސްޕެންޑް ކޮށްފައިވާއިރު އެ ކުއްޖާގެ ކާފަ ވަނީ އިއްޔެ ހަވީރު ހައްޔަރުކޮށް، ގެމަނަފުށްޓަށް ގެންގޮސް، އެރަށު ކޯޓުން 15 ދުވަހަށް ބަންދުގެ މުއްދަތު ޖަހާފައެވެ. އަދި މިއަދު ހެނދުނު އެމީހާ ވަނީ މާލެ ގެނެސްފައެވެ.