ދެކުނުގެ ރަށެއްގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އެ ކުއްޖާގެ ހައްގުގައި ކަމާބެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވަން މަޖިލީހުން މަސައްކަތް ކުރާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދެކުނުގެ ރަށެއްގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ނޫސްބަޔާނަކާ ގުޅިގެން ނަޝީދު ވިދާޅުވީ ކަމާބެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވަން މަޖިލީހުން މަސައްކަތް ކުރާނެ ކަމަށާއި އެފަދަ އަމަލެއް ހިންގުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

ތުއްތު ކުއްޖަކު އޭނާގެ އަމިއްލަ އާއިލާ މުނިކާފަ، ކާފަ އަދި ބައްޕަގެ ޖިންސީ ޝިކާރައަކަށްވީ އިންތިހާއަށް ކަންބޮޑުވުންހުރި ލަދުވެތި ކަމެއް. މިކަމާ ގުޅޭގޮތުން އެކި އެކި ފަރާތްތަކުން ޖަވާބުދާރީ ކުރުމަށް މަޖިލީހުން މަސައްކަތް ކުރާނެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

މިދިޔަ ބުރާސްފަތި ދުވަހު ދެކުނުގެ ރަށެއްގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައި ވާއިރު އެ މައްސަލާގައި ދައުލަތުގެ މުއައްސަސާތަކުން އިހުމާލުވެފައިވޭތޯ ބެލުމަށް ރައްޔިތުން މަޖިލީހުގެ ހިއުމަންރައިޓްސް ކޮމިޓީއިން ވަނީ ތަހުގީގެއް ހިންގުމަށް ވެސް ނިންމާފައެވެ.

އަދި މިރޭ މަޖިލީހުގެ ކޮމެޓީން ބާއްވާ ބައްދަލުވުމުގައި އެ ރަށުގެ ކައުންސިލް ގެ ރައީސް ކޮމެޓީއަށް ހާޒިރުކުރުވާ ގޮތަށް ހަމަޖެހިފައި ވާއިރު މި ބައްދަލުވުމުގައި މިނިސްޓާ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއާއި، ކްރިމިނަލް ކޯޓުގެ ބޭފުޅުންނާއި، މޯލްޑިވްސް ޕޮލިސް ސާވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް (އެފް.ސީ.ޕީ.ޑީ)ގެ އިސްވެރިން އަދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންވެސް ބައިވެރިވާނެ ކަމަށް މަޖިލީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެއެވެ.

ދެ އަހަރުގެ ކުއްޖާގެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކަކީ އެކުއްޖާގެ ބައްޕަ ފަރާތު ކާފަ އަދި މުނިކާފައެވެ. އަދި ބައްޕައަށް ތުހުމަތު ކުރަނީ އިހުމާލުގެ މައްސަލައެކެވެ. ފުލުހުން ވަނީ ތިން މީހުންވެސް ހައްޔަރުކޮށްފައެވެ. އެއީ 33 އަހަރުގެ ފިރިހެނަކާއި 62 އަހަރުގެ ފިރިހެނަކާއި 81 އަހަރުގެ ފިރިހެނެކެވެ. މީގެ ތެރެއިން އެ ކުއްޖާގެ ކާފަ އާއި މުނިކާފަގެ ބަނަދަށް 15 ދުވަސް ޖަހައިފައިވާ ކަމަށް ފުލުހުން ބުނެއެވެ.