ދެ އަހަރުގެ ކުއްޖަކަށް ދެކުނުގެ ރަށެއްގައި ޖިންސީ ގޯނާކުރި މައްސަލައިގައި އެ ރަށުގެ، ކައުންސިލް ގެ ރައީސް މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

ދެކުނުގެ ރަށެއްގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިރޭ 9:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމިޓީގެ ބައްދަލުވުމުގައި، އެރަށު ކައުންސިލްގެ ރައީސް މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކުރަން ނިންމާފައިވާ ކަމަށެވެ.

އަދި އެ ނޫސް ބާޔާނުގައި ބުނީ މިނިސްޓާ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސާއި ކްރިމިނަލް ކޯޓުގެ ބޭފުޅުންނާއި، މޯލްޑިވްސް ޕޮލިސް ސާވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް (އެފް.ސީ.ޕީ.ޑީ)ގެ އިސްވެރިން އަދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންވެސް އެ ކޮމެޓީގެ ބައްދަލުވުމަށް ހާޒުރުވާގޮތަށް ނިންމާފައިވާ ކަމަށް އެ ނޫސް ބާޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އެ ނޫސް ބާޔަނުގައި ބުނެފައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާ އެކަމަށް ބޭނުންވާ ގާނޫނުތައް ހެދުމުގެ މަސައްކަތަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެންމެ އިސްކަމެއްދީގެން ކުރިއަށް ގެންދާ މުހިއްމު ކަންކަމުގެ ތެރޭގައި ހިމެނޭކަމެއް ކަމަށެވެ.

އެގޮތުން 28 އަހަރަށްފަހު ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނު މަޖިލީހުން ފާސްކޮށް މިހާރު ވަނީ ތަސްދީގު ކުރައްވާފައިކަން ފާހަގަކޮށް މަޖިލީހުން ބުނީ ކުޑަކުދިންނާގުޅޭ އެފަދަ ހުރިހާ މައްސަލަތައް ދިރާސާކޮށް، އެކަމުގައި ހިމެނޭ މީހުން އިންސާފުގެ ކުރިމަށްޗަށް ގެނައުމަށާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް، ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ހުރިހާ ކަމެއް ފަސްޖެހުމެއްނެތި ކުރާނެކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ބުނެއެވެ.

ރާއްޖޭގެ ދެކުނުގެ ރަށެއްގައި އުމުރުން 2 އަހަރު ނުވާ ކުއްޖަކަށް އެކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލަ ރައްޔަތުންގެ މަޖިލީހުގެ ސަމާލުކަމަށް އައުމާގުޅިގެން، ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ރޭ ވަނީ ބާއްވާފައެވެ.

އެ ބައްދަލުވުމުގައި، ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމާފައި ވަނީ، ކަމާގުޅޭ މައުލޫމާތު ސާފުކުރެއްވުމުގެ ގޮތުން ކްރިމިނަލް ކޯޓަށާއި، މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސްއަށާއި، މޯލްޑިވްސް ޕޮލިސް ސާވިސާ އަދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ސިޓީ ފޮނުއްވުމަށެވެ.

އުމުރުން 2 އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތާ ގުޅިގެން އިއްޔެ 3 މީހުން ހައްޔަރު ކުރިއެވެ. އެ ތުއްތު ކުއްޖާގެ ދެ ކާފަގެ އިތުރުން ދެން ހައްޔަރު ކުރީ އެ ކުއްޖާގެ ބައްޕައެވެ.

ކުއްޖާގެ ބައްޕަ އިއްޔެ ހުޅުމާލެއިން ހައްޔަރު ކުރި އިރު، އޭނާ ހުރި ފްލެޓް ކުރިމަތީގައި ފުލުހުންނާއި އާންމުން ކުރިމަތިލައި ހަމަނުޖެހުންވެސް ހިނގާފައިވެއެވެ. އޭނާ ހައްޔަރު ނުކޮށް އެތައް އިރެއްވެގެން ގޮސް ހިނގި ހަމަނުޖެހުމުގައި 2 ފުލުހަކަށް އަނިޔާވެ 27 މީހަކު ފުލުހުން ހައްޔަރުވެސް ކުރިއެވެ.

އުމުރުން ދުވަސްވީ ދެމީހުނަށް 15 ދުވަހުގެ ބަންދެއް ޖަހާފައި ވާއިރު ކުއްޖާގެ ބައްޕަ، މުއަދަތު ޖަހަން އަދި ކޯޓަކަށް ނުގެންދެއެވެ. އޭނާވެސް ބަންދުކޮށްފައި ހުރީ ދޫނިދޫގައި ކަމަށް ފުލުހުން ބުނެއެވެ.