ރިސޯޓަކަށް އިންސާނެއްގެ ބޮލުގެ ކަށިގަނޑެއް ލައްގައިފިއެވެ.

ފުލުހުން ބުނީ މިއަދު މެންދުރު 14:00 ހާއިރު އއ އަތޮޅުގެ ރިސޯޓެއް ކަމަށްވާ "ނޮކު މޯލްޑިވްސް ރިސޯޓް"ގެ ގޮނޑުދޮށައް އިންސާނެއްގެ ބޮލެއްގެ ބައެއް ލައްގާފައިވާ ކަމުގެ މައޫލޫމާތު ލިބިފައިވާ ކަމަށެވެ.

މިމައުލޫމާތު ލިބުމާ އެކު ފުލުހުންގެ ޓީމެއް އެރަށަށް ދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އިންސާނެއްގެ ބޮލުގެ ކަށިގަނޑެއް ލައްގާފައި ވާއިރު، ކަނޑުމަތީގެ 2 ހާދިސާއެއްގައި ދެ ދިވެއްސަކު ވަނީ ގެއްލިފައެވެ. އަދި އެމްއެންޑީއެފުން ދަނީ އެ ދެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ގެއްލިގެން ހޯދަމުންދަނީ ބ. އޭދަފުށީ މުޝްތަރީގެ، ނަސްރުﷲ އަބްދުﷲ ނަމަކަށް ކިޔާ މީހަކާއި ހދ. ކުޅުދުއްފުށ، /ހަވީރީނާޒް، 37 އަހަރުގެ މުހައްމަދު ޔޫސުފެވެ.

ނަސްރުﷲ ގެއްލިފައި ވަނީ ޑިންގީއަކާއި ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައެވެ. އަދި މުހައްމަދު ޔޫސުފް ގެއްލިފައި ވަނީ ފަރަށް އެރި ބޯޓަކުނެވެ.