ޖެންޑާ މިނިސްޓަރުގެ މަގާމުގައި ހުރެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، އެއްވެސް ފެއިލިއާއެއް އޮތިއްޔާ އިސްތިއުފާން ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް މިނިސްޓާ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝިދާތާ މިހެން ވިދާޅުވެފައި ވަނީ، ދެ އަހަަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން މިނިސްޓަރު ޝިދާތާއަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ކަމަށް ބުނެ އާންމުންގެ ބައެއް މީހުން ހިތްހަމަނުޖެހުން ފާޅުކޮށް މަގާމުން އިސްތިއުފާ ދެއްވުމަށް އެދި ގޮވާލި ދަނޑިވަޅެއްގައެވެ.

ފުލުހުންނާއި ޖެންޑާ މިނިސްޓްރީއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓަރު ޝިދާތާ ވިދާޅުވީ، މިފަދަ ދަނޑިވަޅެއްގައި އެބޭފުޅުންގެ މަސްއޫލިއްޔަތަކަށް ވާނީ މިފަދަ ކޮންމެ ކަމެއްގައި މަސައްކަތްތަކެއް ކޮށް ޖަވަބުދާރީވެވަޑައިގަތުން ކަމަށެވެ. އަދި އެކަން ކުރުމުގައި އެއްވެސް ކަހަލަ ފެއިލިއާއެއް އޮތްނަމަ އިސްތިއުފާ ދެއްވުމަކީ ފަސްޖެހިވަޑައިގަންނަވާނެ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު މަގާމަށް ހަވާލުވި އިރުއްސުރެން މިހާތަނަށް ކުރެވިފަ ހުރި މަސައްކަތަށް ބަލާނަމަ ނިޒާމް ރަނގަޅު ކުރުމަށްޓަކައި ކުރެވިފަ ހުރި މަސައްކަތްތަކާއި އަދި ހާސިލް ކުރެވިފަ ހުރި މަސައްކަތައް ވަރަށް ގިނަ. އަޅުގަނޑުގެ މަސައްކަތަކަށް ވާނީ މިފަދަ ކޮންމެ ކަމެއްގަ މަސައްކަތްތަކެއްކޮށް ޖަވަބުދާރީވުން. އަޅުގަނޑުގެ ފެއިލިއާއެއް މިއިން އެއްވެސް ކަމެއްގަ ސާބިތުވެއްޖެ ނަމަ އިސްތިއުފާ ދިނުމަކީ އަޅުގަނޑު ފަސްޖެހޭނެ ކަމެއް ނޫން" މިނިސްޓަރު ޝިދާތާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ މަގާމުގައި ހުންނަވާ އިރު، ކުރައްވާ ކޮންމެ މަސައްކަތުގައިވެސް އަމިއްލަ ނަފްސަށް އެކަން ކުރެއްވޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށެވެ. އަދި ޖެންޑާ މިނިސްޓްރީގެ އިހްތިސާސްގެ ތެރެއިން ކުރެވޭ ކަންކަން އިތުރަށް ހަރުދަނާކޮށް، ކުޑަ ކުދިންނާއި އެހެނިހެން ފަރާތްތަކުގެ ރައްކާތެރިކަމާއި، އެފަރާތްތަކުގެ ހައްގުތައް ކަށަވަރު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރެވިގެންދާނެ ކަމަށެވެ. އަދި ހުރިހާ މުއައްސަސާތައް އެކީގައި މަސައްކަތް ކޮށް މި ކަންކަމުގެ ނަތީޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.