ހިނގާބިނގާވެ އުޅުމުގެ ކުޅެދުންތެރިކަން ހުރި އެންމެ ކުރު ފިރިހެނާގެ ގޮތުގައި ދުނިޔޭގެ ގިނިސް ރެކޯޑް ފޮތުން ޖާގަ ހޯދާފައިވާ ކަގެންދްރާ ތާޕާ މަގާރު މަރުވެއްޖެއެވެ.
ނޭޕާލްއަށް އުފަން މިމީހާ މަރުވީ ނިއުމޯނިއާ ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދަނިކޮށް، ހުކުރު ދުވަހުގެ ވަގުތެއްގައި ކަމަށް އޭނާގެ އާއިލާއިން ވަނީ ހާމަކޮށްފައެވެ.
ދުނިޔޭގައި ހުރި އެންމެ އިސްކޮޅުން ކުރު މީހާގެ ރެކޯޑް އޮތް މިމީހާގެ ދިގުމިނުގައި ހުންނަނީ 67.08 ސެންޓިމީޓަރު ނުވަތަ 2 ފޫޓާ 2.41 އިންޗިއެވެ.
ކަގެންދްރާ ތާޕާ މަގާރުގެ އާއިލާއިން ވާހަކަ ދެއްކި މީހަކު ބުނީ ނިއުމޯނިއާ ޖެހިގެން އެކި ފަހަރު މަތިން ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާކަމަށާ، ނަމަވެސް މިފަހަރު އޭނާގެ ހިތަށްވެސް އެކަމުގެ އަސަރު ކޮށްފައިވާކަމަށެވެ.
ދުނިޔޭގައި ހުރި އެންމެ އިސްކޮޅުން ކުރު މީހާގެ ރެކޯޑް ގިނިސްއިން ކަގެންދްރާ ތާޕާ މަގާރަށް ދިނީ، 2010 ވަނަ އަހަރު، އޭނާގެ 18 ވަނަ އުފަންދުވަހުއެވެ. އޭގެ ފަހުން، އިސްކޮޅުގައި 54.6 ސެންޓިމީޓަރު ޗަންދްރާ ބަހާދުރު ދަންގީއަށް މި ޓައިޓްލް ލިބުނެވެ. އެއީވެސް ނޭޕާލް މީހެކެވެ. ދުނިޔޭގައި ހުރި އެންމެ ކުރު އަދި ހިނގާބިނގާވެ އުޅެވޭ މީހާގެ ރެކޯޑް އަނެއްކާވެސް ކަގެންދްރާ ތާޕާ މަގާރަށް ލިބުނީ 2015 ވަނަ އަހަރު، ޗަންދްރާ ބަހާދުރު ދަންގީ މަރުވުމުންނެވެ. މަރުދުވަހާ ޖެހެންދެންވެސް އެ ޓައިޓްލް އޮތީ ކަގެންދްރާ ތާޕާ މަގާރު އަތުގައެވެ.
ކަގެންދްރާ ތާޕާ މަގާރު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 12 އަށްވުރެ ގިނަ ގައުމަށް ދަތުރުކޮށްފައެވެ. އަދި އެމެރިކާއާއި ވިލާތުގެ ގިނަ ޓީވީ ޝޯތަކަކުންވެސް ކަގެންދްރާ ތާޕާ މަގާރަ ވަނީ ޖާގަ ހޯދާފައެވެ. އެންމެ އިސްކޮޅުން ކުރި ފިރިހެނާގެ ރެކޯޑް އޮންނަ ކަގެންދްރާ ތާޕާ މަގާރަ ނިސްބަތްވަނީ ދުނިޔޭގައި ޖިއޮގްރަފީ ގޮތުން އެންމެ އުސް މަންޒިލް ކަމަށްވާ މައުންޓް އެވަރެސްޓް ހުންނަ ނޭޕާލްގައި ކަމަށްވާއިރު ނޭޕާލްއިންވަނީ ކަގެންދްރާ ތާޕާ މަގާރަކީ އެގައުމުގެ ޓުއަރިޒަމްގެ "މޫނު" ކަމުގައި ހަދާފައެވެ.
ހިނގާބިނގާވެ ނުއުޅެވޭ މީހުންވެސް ހިމެނޭ ގޮތަށް ދުނިޔޭގައި ހުރި އެންމެ ކުރު ފިރިހެން މީހާގެ ރެކޯޑް އޮންނަނީ ފިލިޕީންސްއަށް ނިސްތަވްވާ ޖުންރޭ ބާލަވިންގްގެ އަތުގައެވެ. އޭނާގެ އިސްކޮޅުގައި ހުންނަނީ 59.93 ސެންޓިމީޓަރެވެ.
ނޭޕާލްގެ ކަގެންދްރާ ތާޕާ މަގާރު މަރުވުމާއެކު ހިނގާބިނގާވެ އުޅޭ މީހުންގެ ތެރެއިން އެންމެ ކުރު ފިރިހެން މީހާގެ ޓައިޓްލް މިހާރު އޮތީ ކޮލަމްބިއާއަށް ނިސްބަތްވާ އެޑްވާޑް 'ނީނޯ" ހެނާންޑޭޒްގެ އަތުގައެވެ. ޑީޖޭއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ނީނޯގެ އިސްކޮޅުގައި ހުންނަނީ 70.71 ސެންޓިމީޓަރެވެ.