މީލާދީ ސަނަތަކުން 12 މަސް ފުރިހަމަކޮށް އަހަރެއް ނިންމާ، އާ އަހަރަކާ ކުރިމަތިލާއިރު ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް ފުރާލާފައި އޮންނަނީ ކުރިއަށް އޮތް އަހަރަށް ކަނޑައަޅާ އަޒުމުތަކާ، ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކާ ކާމިޔާބު ކުރަން ބޭނުންވާ އަމާޒުތަކުންނެވެ. ބަރުދަން ލުއިކުރުމާ، ފައިދާ ހުރި ކާނާ ކެއުމާ، އަވަހަށް ނިދާ ފަތިހު ހޭލުމާ، ސިއްހަތަށް ބަލައިގެން އުޅުމާ، ސްކްރީންތަކާއެކު ހޭދަކުރާ ވަގުތު މަދުކުރުން ފަދަ ކިތަންމެ ކަމެއް މި ލިސްޓުން ޖާގަ ހޯދައެވެ.
ކަންމިހެން އޮތް ނަމަވެސް، މި އުއްމީދުތަކަކީ އެ އަމާޒުތައް ކަނޑައެޅި ބާރު މިނުގައި ވިއްސިވިހާލިވެގެންދާ އުއްމީދުތަކެއްކަން ފަހުގެ ހޯދުންތައް މިވަނީ ބުނެފައެވެ. ބައިނަލްއަގުވާމީ ފެންވަރެއްގައި ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފިޓްނަސް ޓްރެކިންގް އެޕްލިކޭޝަނަކުން ކުރިއަށް ގެންދިޔަ ދިރާސާގެ ނަތީޖާއަށް ބަލާއިރު، އާ އަހަރެއް ފެށި، 1 މަސްދުވަސް ވަންދެންވެސް މި އަމާޒުގައި ހިފެހެއްޓުމުގެ ގާބިލުކަމެއް ގިނަ މީހުންގެ ކިބާގައި ނެތެވެ.
އެ އެޕްލިކޭޝަން ބޭނުންކުރަމުންދާ 90 މިލިއަން ޔޫޒާ އެކައުންޓުން އެއްކޮށްފައިވާ މައުލޫމާތުގެ މައްޗަށް ރިއާޔަތްކޮށް "ސްޓްރާވާ" އިން ވަނީ ވަރުގަދަ ނިންމުމެއް ނިންމާ، ޖަނަވަރީ މަހުގެ 19 ވަނަ ދުވަހަކީ އާ އަހަރަށް ކަނޑައެޅި އަޒުމުތަކާ އަމާޒުތަކަށް ފުރަގަސްދޭ ދުވަސް ކަމުގައި ކަނޑައަޅާފައެވެ. އެ ދުވަހަސް "ސްޓްރާވާ"އިންވަނީ ނަމެއްވެސް ދީފައެވެ. އެއީ 'ކުއިޓާޒް ޑޭ" ނުވަތަ ހާސިލުކުރަން އުޅުނު ކަމެއް ފުރިހަމަ ނުކޮށް ދޫކޮށްލާ މީހުންގެ ދުވަހެވެ.
ބައެއް މީހުން ބުނާ ގޮތުގައި 'ކުއިޓާޒް ޑޭ" އަކަށް ޖަނަވަރީ 19 ވަނަ ދުވަސް ވެގެންދާ އެންމެ ބޮޑު އެއް ސަބަބަކީ، މީހެއްގެ ކަށީގައި އާދައެއް ހަރުލައްވަން އެންމެ މަދުވެގެން 21 ދުވަސް ބޭނުންވާ ކަމަށް ބުނާ ދިރާސާތަކެއްވެސް ދައުރުވަމުންދާ ދިއުމެވެ. އެހެންކަމުން، 21 ދުވަސް ހަމަވުމުގެ ކުރިން އާދައެއް ގަވައިދުން ނުކުރެވި، ތާވަލުން ނެއްޓިދިއުން އެކަށީގެންވާ ކަމަށް އެމީހުން ބުނެއެވެ.
އާ އަހަރުގެ އަޒުމުތައް ފެއިލްވެގެންދާ އެންމެ ބޮޑު އަނެއް ސަބަބަކީ ހާސިލުވުން ދަތި މިންވަރަށް އަމަޒުތައް ކަނޑައެޅުމެވެ. އެއް ދުވަހުވެސް މި އަމާޒު ހާސިލު ނުވެއްޖެނަމަ ހިތްމަރުވެ، އިތުރަށް ކުރިއަށް ދިއުމުގެ ރޫހުގެއްލޭ ގޮތްވެއެވެ.