ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ ސިފައިންގެ މީހަކު އަދިވެސް ސިފައިންގެ ވަޒީފާގައި އުޅެމުންދާ ކަމުގެ ތުހުމަތު މީހަކު ކޮށްފިއެވެ.

ސޯޝަލް މީޑިއާގައި މީހަކު ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެ މީހާއަކީ ސިފައިންގެ މީހެއްގެ ފަރާތުން ޖިންސީ ގޯނާ ލިބުނު މީހެއް ކަމަށެވެ. އަދި އެކަން ހިނގާފައިވަނީ އޭނާ އެތުލެޓިކްސްގައި އުޅުނުއިރު ކަމަށާއި އެކަމުގައި އޭނާގެ އިތުރުން އެހެން ކުދިންތަކެއްވެސް އެ ސިފައިންގެ މީހާގެ ޝިކާރައަކަށްވި ކަމަށް އެމީހާ ބުންޏެވެ. އޭނާ ބުނި ގޮތުގައި އެ ސިފައިންގެ މީހާ ވަނީ އެތުލެޓިކްސް އެސޯސިއޭޝަނުން ސަސްޕެންޑް ކޮށްފައެވެ. އަދި އެ ސިފައިންގެ މީހާއާ ގުޅޭ މައްސަލަތައް ކަމާ ގުޅުން ހުރި އިދާރާތަކަށް ވެސް ހުށަހެޅި ކަމަށާއި ނަމަވެސް އެމީހާއާ މެދު އެޅުނު އެއްވެސް ފިޔަވަޅެއް ނެތް ކަމަށްވެސް ބުންޏެވެ.

މިކަމާ ގުޅިގެން އެތްލެޓިކް އެސޯސިއޭޝަމުން ބުނީ އެ ޕޯސްޓުގައި ބުނެފައިވާ މީހާއަކީ އެއް އިރެެއްގައިވެސް އެ އެއެސޯސިއޭޝަންގެ ކޯޗެއް ނޫން ކަމަށެވެ.

އެތުލެޓިކްސްއަށް ގޮސް އުޅުނު ކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ސިފައިންގެ މީހަކަށް ތުހުމަތު ކުރިއިރު ދެ ސިފައިން ވެގެން 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއް 6 މަސް ވެގެން ދިޔައިރުވެސް ނުބަލައި، އޮއްބާލާފައިވާ ކަން ވަނީ ހާމަވެފައެވެ. މި ކަން ހާމަވެފައި ވަނީ ރާއްޖޭގެ ދެކުނުގެ ރަށެއްގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނަ ކުރި މައްސަލައަކާ ގުޅިގެން އިއްޔެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މުއައްސަސާތައް ހަރުދަނާ ކުރަން ޖެހޭ ކަމަށް ބުނެ ދެއްކި ވާހަކާގައެވެ.

މި ވާހަކަ ހިއްސާކުރައްވާފައި ވަނީ މި މަޝްވަރާގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ނެއްގެވި މިސާލެއްގައެވެ. ރޮޒައިނާ ވިދާޅުވީ، ސިފައިންގެ 2 މީހަކު، 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލަ އެ ކުއްޖާގެ މަންމަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައިގެ ތަހުގީގަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާއިރު، މި މައްސަލައިގެ އަޕްޑޭޓެއް ހޯއްދެވުމަށް ހުދު އޭނާ ވެސް ވިލީޕޮލިހަށް ވަޑައިގެންނެވި ކަމަށާއި، ނަމަވެސް އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވިއެވެ.

15 އަހަރުގެ ކުއްޖާއަށް އެ ކުއްޖާ ރޭޕް ކުރީ ކޮންބައެއްކަން ކިޔައިދޭން އެނގޭ އިރުވެސް، އެކަން ކުރި ދެ ސިފައިންނަށް ފިޔަވަޅު ނޭޅި ކޮންމެ ދުވަހަކު ސިފައިންގެ ޔުނިފޯމުގައި އެ 2 މީހުން ވަޒީފާއަށް ނިކުންނާތީ ރޮޒައިނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރޮޒައިނާ ވަނީ ފުލުހުންނާއި، ޖެންޑާ އަދި ކޯޓުގައި މިފަދަ ކިތައް މައްސަލަ އޮތްތޯ އޮޅުން ފިލުވަން ޖެހޭކަން ފާހަގަ ކުރައްވާފައެވެ. އަދި މިފަދަ މައްސަލަތައް ރިޕޯޓް ކުރިއަސް މުއައްސަސާތަކުން އެކަމާ އަޅާ ނުލާކަން ފާހަގަކުރައްވައި ރޮޒައިނާ ވިދާޅުވީ، މައްސަލައެއް ރިޕޯޓް ކުރިއަސް މުއައްސަސާތަކުން ތިބެނީ "އޭގެ މައްޗަށް އަރާ" ކަމަށެވެ.