ރާއްޖޭގެ ދެކުނުގެ ރަށެއްގައި 2 އަހަަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތި ވެފައިވާއިރު، އެކުއްޖާ މިހާރު ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުން ކުއްޖާ މާލެ ގެނެސް ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މާލެއަށް ކުއްޖާ ގެނެސް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ ކަމަށް ފުލުހުންނާއި ޖެންޑާއިން ނެރުނު ބަޔާނުގައި ބުނެފައިވީ ނަމަވެސް ކުއްޖާ އެޑްމިޓްކޮށްފައި ވަނީ ކޮން ހޮސްޕިޓަލެއްގައި އެފަރާތުން ހާމަކޮށްފައެއް ނުވެއެވެ.
ޖެންޑާ މިނިސްޓްރީއާ ފުލުހުން ގުޅިގެން މިއަދު ނެރުނު ބަޔާނުގައި ބުނީ، ދެ އަހަރުގެ ކުއްޖާ މިހާރު ވަނީ ކުއްޖާގެ މަންމަ ފަރާތު މާމައާ ހަވާލުކޮށްފައި ކަމަށެވެ. އަދި ކަމާބަހޭ އިދާރާތަކުގެ ބެލުމުގެ ދަށުން ކުއްޖާ ގޮވައިގެން މާލެ އައިސްފައި ވަނީ އެ ކުއްޖާގެ މަންމަ ފަރާތު ބޮޑުދައިތަ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި ބުނީ ކުއްޖާ ބޮޑުދައިތައާ ހަވާލު ކުރުމަށްފަހު ވެސް ކުއްޖާގެ މާމައަށް ހަވާލުކޮށްފައި ވަނީ، މަންމަ ފަރާތު ބޮޑުދައިތަ ކުއްޖާއާ ގިނަ ދުވަސްތަކެއް ވަންދެން ހަވާލުވުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން ކަމަށެވެ.
ޖެންޑާ މިނިސްޓްރީގެ ސަމާލު ކަމަށް ދެ އަހަރުގެ ކުއްޖާގެ މައްސަލަ އައުމާއެކު، ހަމަ އެ ދުވަހު 7:30 ހާއިރު ކުއްޖާ ދިރިއުޅެމުން ދިޔަ މާހައުލަށް މިނިސްޓްރީގެ ކޭސް ވޯކަރުންނާއި ފުލުހުން ދިޔަ ކަމަށް އެ ބަޔާނުގައި ވެއެވެ. އެ ބަޔާނުގައި ބުނީ، މިނިސްޓްރީގެ ކޭސް ވޯކަރުންގެ ބެލުމުގެ ދަށަށް ކުއްޖާގެ މެޑިކަލް އެސެސްމެންޓް ހެދުމަށް އެރޭ 8:45 ގައި ގެންގޮސް، އެރޭގެ 10:55 ގައި ސަރަހައްދީ ހޮސްޕިޓަލަށް ވެސް ގެންގޮސްފައިވާ ކަމަށެވެ. އަދި ކުއްޖާ ޑޮކްޓަރަށް ދައްކައި ބެލިބެލުމުން ކުއްޖާއަށް ޖިންސީ އަނިޔާކޮށްފައިވާ ކަމަށް ބެލެވޭތީ ކުއްޖާ ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނީ، ފުރަތަމަ މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ހަވީރު 4:30 ހާއިރު ކަމަށެވެ. އަދި ފުރަތަމަ މި މައްސަލަ ހުށަހަޅާފައި ވަނީ ކުއްޖާގެ މަންމަގެ ހާލު ދެރަވެގެން ޑޮކްޓަރަށް ދެއްކުމަށް ރަށުން ބޭރަށް ދަތުރު ކޮށްފައިވާތީ، ކުއްޖާ ދިރިއުޅެމުންދާ މާހައުލަކީ ކުއްޖާއަށް ރައްކާތެރި މާހައުލަކަށް ނުވާ ކަމަށް ބުނެ، މަންމަ ފަރާތު އާއިލާއިން ކުއްޖާއާ ހަވާލުވުމަށް އެދުމުން، ކުއްޖާގެ ބައްޕަ އެކަމަށް އިންކާރު ކުރި މައްސަލައެވެ.
ކުއްޖާގެ މައިންބަފައިންނަކީ ކުށުގެ ރިކޯޑް އޮންނަ ބައެއް ކަމަށް އެ ބަޔާނުގައި ވެއެވެ. އެ ބަޔާނުގައި ބުނީ، އެ ކުއްޖާގެ ކާފަ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުމަތު ކުރެވޭތީއާ، ކުއްޖާގެ މުނިކާފައަކީ ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ ރިކޯޑް އޮންނަ މީހެއްކަމަށް ފުލުހުންަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.