2 އަހަަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅުންހުރި އެ ކުއްޖާގެ ބައްޕަ ހުރި ފްލެޓް ކައިރީގައި ހިންގި އިހުތިޖާޖުން ހައްޔަރުކުރީ 27 މީހުން ކަމަށް ފުލުހުން ބުނެއެވެ.

އިހުތިޖާޖު ކުރުމަށް އެއްވި މީހުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިނގާ ދެ ފުލުހަކަށް އަނިޔާވެސް ވެފައި ވެއެވެ. އަދި އެ ހަމަނުޖެހުން ކޮންޓްރޯލް ކޮށް 27 މީހަކު ފުލުހުން ހައްޔަރު ކުރީ ރޭ އެކި ވަގުތުތަކުގައެވެ. މި 27 މީހުންގެ ތެރެއިން އެއްްވެސް މީހަކު ދޫކޮށްލި ކަމަކަށް ފުލުހުން ނުބުނެއެވެ.

ހުޅުމާލޭ 108 ފްލެޓް ސަރަހައްދުގައި އިހުތިޖާޖު ކޮށްފައި ވަނީ، ދެ އަހަރުގެ ކުއްޖާގެ ބައްޕަ 108 ފްލެޓުގެ އެޕާޓުމަންޓެއްގައި ހުރުމުންނެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން ވެސް، އާންމުން އެ ސަރަހައްދު ދޫނުކޮށް ފުލުހުންނާ ކުރިމަތިލައިފާ ވެއެވެ.

އެ ސަރަހައްދަށް އެއްވި އާންމުން ކޮންޓްރޯލް ކުރުމަށް ފުލުހުން ޕެޕާ ސްޕްރޭ ވެސް ކޮށްފައިވެއެވެ.

ދެ އަހަރުގެ ކުއްޖާގެ މައްސަލައާ ގުޅިގެން އިއްޔެ ވަނީ އިހުތިޖާޖުތަކެއްވެސް ބާއްވާފައެވެ. އެގޮތުން، ޖެންޑާ މިނިސްޓްރީ ކުރިމަތީގައި އިހުތިޖާޖު ކޮށްފައި ވާއިރު، ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓު ކުރިމަތީ ވެސް ވަނީ އިހުތިޖާޖު ކޮށްފައެވެ. އަދި ގއ. ގެމަނަފުށީ ޕޮލިސް ސްޓޭޝަން ކުރިމަތީ ވެސް ވަނީ އިހުތިޖާޖު ކޮށްފައެވެ. އޭގެ އިތުރުން، ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ވާ އުރުމުން ދުވަސްވީ ދެމީހުން ގެމަނަފުށިން އެއަތޮޅު ވިލިނގިއްޔަށް ގެންދަން އުޅޭތީ، ވިލިނގިލީގެ ރައްޔިތުންގެ ތެރެއިން ބަޔަކުވެސް އެރަށުގައި އެއްވިއެވެ.