2 އަހަަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅުންހުރި އެ ކުއްޖާގެ ބައްޕަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިކަމާ ގެންގުޅިގެން ފުލުހުން ބުނީ، ފުލުހުން މިހާރު ބަލަމުންދާ ކުޑަ ކުއްޖަކާމެދު ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހުޅުމާލޭ 108 ފްލެޓުން 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ، އޭނާ މިހާރު ވަނީ ދޫނިދޫއަށް ގެންގޮސްފައިވާ ކަމަށެވެ.

ކުއްޖާގެ ބައްޕަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ، މިއަދު ހަވީރުއްސުރެ، ކުއްޖާގެ ބައްޕަ ހުރި ހުޅުމާލޭ ފްލެޓް ސަރަހައްދަށް މީހުން އެއްވެ އިހުތިޖާޖު ކުރަމުން ދަނިކޮށެވެ. އަދި އެ ފްލެޓުގެ ދޮރުފަތްތައް މުށިތައް އުކާ ތަޅާލާފައި ވާއިރު، އާންމުންނާއި ފުލުހުންނާ ދެމެދު ވެސް ވަނީ ހަމަ ނުޖެހުން ހިނގާފައެވެ.

ދެކުނުގެ ރަށެއްގައި 2 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަައެއްގައި ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކެއް އިހުމާލުވެފައިވާ އިރު އެ ކުއްޖާގެ ބައްޕަ ފިލައިގެން އުޅޭ ކަމުގެ ވާހަކަތަކެއް ވަނީ ފެންމަތިވެފައެވެ. ނަމަވެސް އޭނާ މާލެ އައީ ކުއްޖާގެ މަންމައާ ބައްދަލު ކުރުމަށް ކަމަށް އާއިލާއިން ބުނެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދިން މީހަކު ބުނެފައިވާ އެ ސަރަހައްދުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން އެސްއޯ ފުލުހެއްގެ ބޯ ފަޅާއިގެން ގޮސްފައި ވާއިރު، އެ ސަރަހައްދުގައި ޕެޕާ ސްޕްރޭ ޖެހި ކަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، ހުޅުމާލޭ ފްލެޓެއް ކައިރީގައި މިއަދު ހަވީރުން ފެށިގެން ބަޔަކު އެއްވެގެން އުޅޭ ކަމަށެވެ. އަދި މި އެއްވުމުގެ ތެރޭގައި އެ ފްލެޓަށް ގެއްލުން ދީފައިވާ ކަމަށާއި، ފުލުހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.

މި މައްސަލައާ ގުޅިގެން މިއަދު ވަނީ އިހުތިޖާޖުތަކެއް ބާއްވާފައެވެ. އެގޮތުން، ޖެންޑާ މިނިސްޓްރީ ކުރިމަތީގައި އިހުތިޖާޖު ކޮށްފައިވާއިރު، ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓު ކުރިމަތީ ވެސް ވަނީ އިހުތިޖާޖު ކޮށްފައެވެ. އަދި ގއ. ގެމަނަފުށީ ޕޮލިސް ސްޓޭޝަން ކުރިމަތީ ވެސް ވަނީ އިހުތިޖާޖު ކޮށްފައެވެ.