2 އަހަަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން އެ ކުއްޖާގެ ބައްޕަ ހުރި ފްލެޓް ކައިރިއަށް އެއްވި މީހުން ގަޔަށް ޕެޕާ ސްޕްރޭ ޖަހައިފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދިން މީހަކު ބުނެފައިވާ ގޮތުގައި އެ ސަރަހައްދުގައި ފުލުހުން ވެސް ހަރަކާތްތެރި ވަމުންދާއިރު، އެ ސަރަހައްދުގައި ހިންގި ހަމަނުޖެހުމުގެ ތެރެއިން އެ ކުއްޖާގެ ބައްޕަ ހުރި ފްލެޓްގެ ބިއްލޫރިތައް ވަނީ މުށިތަކަކުން ޖަހާ ތަޅާލާފައެވެ. އަދި މި ހަމަނުޖެހުމުގެ ތެރެއިން އެސްއޯ ފުލުހެއްގެ ބޯ ފަޅާއިގެން ގޮސްފައި ވާއިރު، އެ ސަރަހައްދުގައި ޕެޕާ ސްޕްރޭ ޖެހި ކަމުގެ މައުލޫމާތުވެސް ލިބިފައިވެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލޭ ފްލެޓެއް ކައިރީގައި މިއަދު ހަވީރުން ފެށިގެން ބަޔަކު އެއްވެގެން އުޅޭ ކަމަށެވެ. އަދި މި އެއްވުމުގެ ތެރޭގައި އެ ފްލެޓަށް ގެއްލުން ދީފައވާ ކަމަށާއި، ފުލުހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.

މި މައްސަލައާ ގުޅިގެން މިއަދު ވަނީ އިހުތިޖާޖުތަކެއް ބާއްވާފައެވެ. އެގޮތުން، ޖެންޑާ މިނިސްޓްރީ ކުރިމަތީގައި އިހުތިޖާޖު ކޮށްފައިވާއިރު، ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓު ކުރިމަތީ ވެސް ވަނީ އިހުތިޖާޖު ކޮށްފައެވެ. އަދި ގއ. ގެމަނަފުށީ ޕޮލިސް ސްޓޭޝަން ކުރިމަތީ ވެސް ވަނީ އިހުތިޖާޖު ކޮށްފައެވެ.