ކުއްޖާގެ ބައްޕަ ހުރި ހުޅުމާލޭގެ ފްލެޓް ކައިރިއަށް އެތައް ބަޔަކު އެއްވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދިން ފަރާތަކުން ބުނީ، ކުއްޖާގެ ބައްޕަ ހުރި ހުޅުމާލޭގެ ފްލެޓް ކައިރިއަށް އާންމުންގެ ބަޔަކު އެއްވެފައި ވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ފުލުހުންވެސް ހަރަކާތްތެރިވަމުންދާ ކަަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

އެ ސަރަހައްދުގައި ދަނީ އާންމުންގެ ބަޔަކު ނުރުހުން ފާޅު ކުރަމުންނެވެ.

ފުލުހުން ބުނީ، އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަމުންދާ ކަމަށެވެ. އަދި މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ދެމީހުން ކަމަށާއި ތިން ވަނަ މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު އެ ފްލެޓް ހުރި ދިމާލު މައި މަގުގައާއި ދެ ފްލެޓް ދޭތެރޭގައި ހިނަގަން އޮންނަ މަގުގައި އެތައް ބަޔަކު އެއްވެފައި އެބަ ތިއްބެވެ. އެތަނުގައި ގާތްގަނޑަކަށް 2000 އަށް ވުރެ ގިނަ މީހުން އެބަ ތިބި ކަމަށް މައުލޫމާތު ލިބެއެވެ. އަދި މިހާރު އެ ސަރަހައްދަށް އެސްއޯ ފުލުހުން އައިސްފައިވާ ކަމަށްވެސް މައުލުމާތު ލިބެއެވެ.

އެސްއޯ ފުލުހުން އައިސް އެ ސަރަހައްދުގައި އެއްވެ ޝުއޫރު ފާޅު ކުރަމުންދާ މީހުންތައް ދުރަށް ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށް އެތަނުގައި ހުރި މީހަކު މައުލޫމާތު ދެއެވެ.

ދެކުނު ގެ ރަށެއްގައި 2 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަައެއްގައި ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކެއް އިހުމާލުވެފައިވާ އިރު އެ ކުއްޖާގެ ބައްޕަ ވަނީ ކުއްޖާގެ މަންމައާ ބައްދަލު ކުރުމަށް މާލެ އައިސްފައެެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދިން މީހަކު ބުނެފައިވާ ގޮތުގައި އެ ސަރަހައްދުގައި ފުލުހުން ވެސް ހަރަކާތްތެރި ވަމުންދާއިރު، އެ ސަރަހައްދުގައި ހިންގި ހަމަނުޖެހުމުގެ ތެރެއިން އެ ކުއްޖާގެ ބައްޕަ ހުރި ފްލެޓްގެ ބިއްލޫރިތައް ވަނީ މުށިތަކަކުން ޖަހާ ތަޅާލާފައެވެ. އަދި މި ހަމަނުޖެހުމުގެ ތެރެއިން އެސްއޯ ފުލުހެއްގެ ބޯ ފަޅާއިގެން ގޮސްފައި ވާއިރު، އެ ސަރަހައްދުގައި ޕެޕާ ސްޕްރޭ ޖެހި ކަމުގެ މައުލޫމާތުވެސް ލިބިފައިވެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލޭ ފްލެޓެއް ކައިރީގައި މިއަދު ހަވީރުން ފެށިގެން ބަޔަކު އެއްވެގެން އުޅޭ ކަމަށެވެ. އަދި މި އެއްވުމުގެ ތެރޭގައި އެ ފްލެޓަށް ގެއްލުން ދީފައވާ ކަމަށާއި، ފުލުހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.