2 އަހަަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން މިނިސްޓާ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް ޝިދާތާ ޝަރީފް އިސްތިއުފާއަށް ގޮވާލައިފިއެވެ.

މިނިސްޓަރު ޝިދާތާ އިސްތިއުފާ ދިނުމަށް ގޮވާލަމުން ދަނީ ކުޑަކުދިންނަށް ކުރާ މިފަދަ އަނިޔާތަކާ ދެކޮޅަށް މިއަދު ހަވީރު ޖެންޑާ މިނިސްޓްރީ ކުރިމަތީގައި ކުރަމުންދާ އިހުތިޖާޖުގެ ތެރެއިންނެވެ.

ޖެންޑާ މިނިސްޓްރީ ކުރިމަތީގައި އިހުތިޖާޖު ކުރަމުން ދަނީ، ކުޑަކުއްޖަކާ މެދު މިފަދަ އަނިޔާވެރި އަމަލެއް ހިނގާފައިވާއިރު، ޖެންޑާ މިނިސްޓްރީން މިކަމާ ގުޅިގެން އެކަށީގެންވާ ބަހެއް ބުނުމަށް އުޒުރުވެރި ވެފައިވާތީއެވެ. ޖެންޑާ މިނިސްޓްރީން މި މައްސަލަ ބަލަމުންދާ ކަމަށާއި، މައްސަލާގައި ހިމެނޭ ކުޑަކުއްޖާ ރައްކާތެރި މާހައުލަކަށް ގެންގޮސްފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. ނަމަވެސް ޖެންޑާ މިނިސްޓްރީގެ ފަރާތުން މިވަރުގެ ބަހެއް ވެސް ލިބިފައި ވަނީ ރޭއްސުރެ ނޫސްވެރިން އަމާޒުކުރަމުންދާ ފާޑުކިއުންތަކާ ހެދިއެވެ.

ޖެންޑާ މިނިސްޓްރީ ކުރިމަތީގައި ހިނގަމުންދާ އިހުތިޖާޖުގައި ގިނަ ބަޔަކު ދަނީ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އިސްތިއުފާ ދިނުމަށް ގޮވާލާ އަޑުއުފުލަމުންނެވެ. އަދި މިކަމުގައި ޒިންމާ ވާނީ ކޮން ފަރާތެއްތޯ އަހާ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އަދި ގާނޫނު ތަންފީޒުކޮށް، މި އަމަލު ހިންގި މީހުންނަށް ހައްގު އަދަބު ދިނުމަށް ވެސް އިހުތިޖާޖުގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ.

ރާއްޖޭގެ ދެކުނުގެ ރަށެއްގައި 2 އަހަރުގެ ކުޑަކުއްޖަކަށް މިދިޔަ ބުދަ ދުވަހު ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެފައި ވާއިރު އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ފުރަތަމަ ތުހުމަތު ކުރެވިފައި ވަނީ އެ އާއިލާގެ ތިން މެންބަރަކަށެވެ. "ދަ ޕްރެސް" އަށް މައުލޫމާތު ދިން އެރަށުގެ މީހަކު ބުނެފައި ވަނީ އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވެނީ ކުއްޖާގެ ބައްޕަ، ކާފަ އަދި މުނި ކާފައަށް ކަމަށެވެ.

ހަމައެއާއެކު މީޑިއާއަށް މައުލޫމާތު ދެމުން ފުލުހުން މިއަދު ފުރަތަމަ ބުނެފައިވަނީ 2 އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ 3 ފިރިހެނެއް އުޅޭ ކަމަށެވެ. ނަމަވެސް، މި މައްސަލާގައި ތުހުމަތު ކުރެވެނީ ދެ ފިރިހެނަކަށް ކަމަށް ބުނެ ފުލުހުން ވަނީ 62 އަހަރުގެ މީހަކާއި 81 އަހަރުގެ މީހަކު މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

2 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ދެފަރާތަކީ ކުއްޖާގެ ޒިންމާދާރު މަގާމެއްގައި ތިބި ދެމީހުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ކުއްޖާގެ މުނިކާފައާއި ކާފައެވެ. އަދި މިހާރު 2 އަހަރުގެ ކުއްޖާ ވަނީ ރައްކާތެރި މާހައުލަކަށް ގެންގޮސްފައި ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.