ރާއްޖޭގެ ދެކުނުގެ ރަށެއްގައި 2 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައި ވާއިރު، އެ ކުއްޖާ ވަނީ ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައި ކަމަށް މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެ ކުއްޖާއަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އެ ކުއްޖާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ކަމާ ގުޅުން ހުރި މުއައްސަސާތަކާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެ ކުއްޖާ ވަނީ އާއިލާއިން ވަކިކުރެވި، ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައި ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ، މިދިޔަ ބުދަ ދުވަހު، ދެކުނު ރަށެއްގައި ކުޑައަންހެން ކުއްޖަކަށް ޖިސްމާނީ އަނިޔާ ލިބިފައިވާ ކަމުގެ ރިޕޯޓް ޖެންޑާއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލާގައި ކަމާ ގުޅުން ހުރި މުއައްސަސާތަކާއެކު ކުރި މަސައްކަތުން އެނގުނު ގޮތުގައި ހިނގާފައި ވަނީ ޖިންސީ އަނިޔާގެ މައްސަލައެއް ކަން އެނގިފައިވާ ކަމަށް ޖެންޑާއިން ބުނެއެވެ.
ޖެންޑާ މިނިސްޓްރީން މިފަދައިން ބުނެފައިވާއިރު، ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުއްޖާ މާލެ ގެނެވުނު ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. ނަމަވެސް، އެ ކުއްޖާއަށް ބޭނުންވާ ސިއްހީ ފަރުވާ ހޯދުމަށް ގެންދިއައީ ކައިރި ރަށެއްގެ ހޮސްޕިޓަލަށް ކަމަށާއި، އެ ކުއްޖާގެ މަންމަ ފަރާތު އާއިލާގެ ފަރާތުން ކުއްޖާއާ ހަވާލުވުމަށް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވެނީ އެ ކުއްޖާގެ ބައްޕައާއި ކާފައާއި މުނިކާފައަށެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެމީހުން ނިސްބަތްވާ ރަށުގެ މީހަކު ބުނީ، 2 އަހަރުގެ ކުއްޖާގެ ކާފައަކީ އެ ރަށުގައި މުދިންކަން ކުރާ މީހެއް ކަމަށާއި އެކުއްޖާގެ ކާފައާއި މުނިކާފައަކީ ރަށުގައި މަގުމަތީގައި އުޅޭ ކުޑަކުދިންނަށް ވެސް ޖިންސީ ގޯނާ ކުރަން މަސައްކަތް ކުރާ ބައެއްކަން ރަށުގެ މީހުންނަށް އެނގޭ ކަމަށެވެ.
އެއް އާއިލާއަކަށް ނިސްބަތްވާ 3 މީހުން 2 އަހަރުގެ ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަމުގެ ތުހުމަތު ކުރެވޭ އިރު، އޭގެތެރެއިން އެ ކުއްޖާގެ ކާފައާއި މުނި ކާފައަކީ މީގެ ކުރިންވެސް ރަށުތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ކަމަށް ބުނާ ދެމީހުންނެވެ. މަގުމަތީގައި ކުޅެން އުޅޭ ކުދިންނަށް ފައިސާ ދީގެން ހައްދާލައިގެން ކުދިން ގެންދާ ކަމާއި، މީގެ ކުރިންވެސް އެކުއްޖާގެ މުނިކާފަ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ހުށަހަޅާފައި ވާނެކަމަށްވެސް އެރަށު މީހަކު ބުނެއެވެ.