މާރާމާރީ ހިންގި މައްސަލައެއްގައި ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މިއަދު ހެނދުނު 7:21 ހާއިރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރީގައި ސެކިއުރިޓީ ބަލަހައްޓަމުންދިޔަ މީހަކަށް 18 އަހަރުން ދަށުގެ ކުއްޖެއް ތަޅާ މާރާމާރީ ހިންގާފައިވާ ކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލާގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މާރަމާރީ ހިންގި މައްސަލައެއްގައި 18 އަހަރު ނުވާ ކުއްޖަކު ހައްޔަރު ކޮށްފައިވާއިރު، މިމަހު 9 ވަނަ ދުވަހުގެ ރޭ ބޮޑުތަކުރުފާނު މަގުގައި ހުންނަ ކުރީގެ ފޮރިން މިނިސްޓްރީ އިމާރާތް ކައިރީގައި ވަނީ ގްރޫޕް މާރާމާރީއެއް ހިންގާފައެވެ. މި މާރާމާރީގައި އުމުރުން 19 އަހަރުގެ ފިރިހެނަކަށް ވަނީ އަނިޔާވެފައެވެ.

މީގެއިތުރުން މިދިޔަ އަންގާރަ ދުވަހުގެ ހަވީރު ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމް ކައިރީގައި މާރާމާރީއެއް ހިނގާ 23 އަހަރުގެ ފިރިހެނަކަށް ވެސް ވަނީ އަނިޔާވެފައެވެ.