ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.

ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ފަރާތްތަކަށް ގާނޫނީ ގޮތުން ހަރުކަށި އަދަބު ދޭން ޖެހޭ ކަމަށެވެ. އަދި ހާއްސަކޮށް އެ އަމަލު ހިންގަނީ އާއިލާގެ ތެރެއިން ބަޔަކުނަމަ، އެމީހުންގެ އަދަބު އިތުރަށް ބޮޑު ކުރެވެން ޖެހޭ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ބޮޑުވެގެންވާ ޖަރީމާއެއް ކަމަށް ވެސް ޑރ. ޝަހީމް ވަނީ ސިފަ ކުރައްވާފައެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ދެކުނުގެ ރަށެއްގައި 2 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވެނީ އެ ކުއްޖާގެ ބައްޕައާއި ކާފައާއި މުނިކާފައަށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެމީހުން ނިސްބަތްވާ ރަށުގެ މީހަކު ބުނީ، 2 އަހަރުގެ ކުއްޖާގެ ކާފައަކީ އެ ރަށުގައި މުދިންކަން ކުރާ މީހެއް ކަމަށާއި އެކުއްޖާގެ ކާފައާއި މުނިކާފައަކީ ރަށުގައި މަގުމަތީގައި އުޅޭ ކުޑަކުދިންނަށް ވެސް ޖިންސީ ގޯނާ ކުރަން މަސައްކަތް ކުރާ ބައެއްކަން ރަށުގެ މީހުންނަށް އެނގޭ ކަމަށެވެ.

އެއް އާއިލާއަކަށް ނިސްބަތްވާ 3 މީހުން 2 އަހަރުގެ ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ އިރު، އޭގެތެރެއިން އެ ކުއްޖާގެ ކާފައާއި މުނި ކާފައަކީ މީގެ ކުރިންވެސް ރަށުތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ކަމަށް ބުނާ ދެމީހުންނެވެ. މަގުމަތީގައި ކުޅެން އުޅޭ ކުދިންނަށް ފައިސާ ދީގެން ހައްދާލައިގެން ކުދިން ގެންދާ ކަމާއި، މީގެ ކުރިންވެސް އެކުއްޖާގެ މުނިކާފަ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ހުށަހަޅާފައި ވާނެކަމަށްވެސް އެރަށު މީހަކު ބުނެއެވެ.

ޖިންސީ ގޯނާގެ ޝިކާރައަކަށް ވީ އުމުރުން 2 އަަހަރުގެ އަންހެން ކުއްޖާ މިހާރު ވަނީ ޖެންޑާގެ ބެލުމުގެ ދަށުން މާލެ ގެނެސްފައިކަން އެނގޭއިރު މި މައްސަލައާ ގުޅިގެން ޖެންޑާއިން އެއްވެސް އެއްޗެއް ބުނަން ވަނީ އުޒުރުވެރިވެފައެވެ.