ކޮންޓްރޯލް ނުވެ ގޮސް އެކްސިޑެންޓުވި ކާރު ޓޯ ކޮށްފިއެވެ.

ފުލުހުން ބުނީ ރޭ 11:50 ހާއިރު މޫންލައިޓް ހިނގުމުން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ބްރިޖް އެންޓްރީ ކައިރީ ޕާކް ތެރެއަށް ވަދެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވި ނަމަވެސް، ކާރަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ. އެގޮތުން ކާރުގެ ކުރީ ބަފަރުގެ ދެ ފަރާތު އަރިމަތިން ގޭނި ހަލާކުވެ، ލޮކް ގޮސްފައި ވާއިރު ފަހަތު ބަފަރުގެ ލޮކް ވަނީ ނެއްޓިފައެވެ.

ފުލުހުން ބުނީ މި ކާރު ދުއްވާފައި ވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެއް ނަމަވެސް އެއީ ކާކު ކަމެއް ފުލުހުން ނުބުނެވެ. އަދި އޭނާ އަތުގައި ލައިސަންސް އޮންނަ ނަމަވެސް އެކްސިޑެންޓް ހިނގި ވަގުތު އޭނާ އަތުގައި ލައިސަންސް ނެތް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އެއީ ކާރުގެ ވެރި ފަރާތުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި ކާރު މިހާރު ޓޯ ކޮށްފައި ވާއިރު ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.