އައްޑޫގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުން ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީ (އޭޑީސީ) އިން މިއަދު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.

މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމާ ބެހޭ ގޮތުން އޭޑީސީގެ ނައިބު ރައީސް އަހުމަދު ޝަރީފު "ދަ ޕްރެސް" އަށް ވިދާޅުވީ އައްޑޫގައި މިވަގުތު ހުރި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އިޖުތިމާއީ ހާލަތު ދަށްވެ، އައްޑޫގެ އަމާންކާއި ރައްކާތެރި ކަމަށް ބުރޫއަރާފައިވާ ވުން ކަމަށެވެ. އަދި ބޭރުގެ އިންވެސްޓަރުންނަށް އައްޑޫގައި އިންވެސްޓް ކުރެވޭނީ އެފަރާތްތަކަށް ރައްކާތެރި މާހައުލެއް ގާއިމް ކޮށްދެވިގެން ކަމަށެވެ. އެކަން ނުކުރެވި، އިގްތިސޯދު ކުރިއަރަން ގޮންޖެހުންތަކެއް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"އައްޑޫގެ އިގްތިސޯދު ކުރިއެރުވޭނީ އައްޑޫގެ އަމާންކަންވެސް ގާއިމް ކުރެވިގެން، އައްޑޫއަކީ ރައްކާތެރި މާހައުލެއް ބިނާ ކުރެވޭނެ ތަނެއް، ބޭރުގެ ފަރާތްތަކާއި ފަތުރުވެރިންނާއި ރައްޔިތުންނަށް އައްޑޫއަކީ އަމާން ތަނެއްގެ ގޮތުގައި ހަދަންޖެހޭ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އައްޑޫގެ މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމާއި އެކްސިޑެންޓްތައް މަދުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށެވެ. އެގޮތުން އައްޑޫގެ ޓްރެފިކް ބެލެހެއްޓުމަށް ކުރެވެން ހުރި މަސައްކަތްތަކާއި އެކްސިޑެންޓްތައް މަދު ކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އައްޑޫއަށް ހާއްސަ ސްޓްރެޓިޖިކް ޕްލޭނެއް އެކުލަވާލަން ޖެހޭ ކަމަށާއި އެކަންކަން ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އައްޑުއާ ގުޅުންހުރި ޕޮލިސް ކޭސްތައް، އެސިޓީން ނިންމޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްވެސް މިނިސްޓަރުގެ ކިބައިން އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި އައްޑޫގެ ކްރައިމް ރޭޓް ދަށްކުރުމަށްޓަކައި އެންޖީއޯތަކާއި ޖަމިއްޔާތަކުން އިސްނަގައިގެން ކުރެވެންހުރި ކަންކަމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"ޑްރަގް މައްސަލަތައް ހައްލު ކުރުމާއި ބެހޭ ގޮތުންވެސް މަޝްވަރާ ކުރެވިގެންދިޔަ، އަދި އައްޑޫގެ ޕޮލިސް އެކަޑަމީ އިން އައްޑޫގެ ރައްޔިތުންނަށް ލިބޭނެ ފައިދާތަކާއި ބެހޭ ގޮތުންވެސް އެބައްދަލުވުމުގައި މަޝްވަރާ ކުރެވިގެންދިޔަ،" ޝަރީފް ވިިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ އައްޑޫއަކީވެސް މާލެ ފަދަ ސިޓީއެއް ކަމަށާއި އެހެންކަމުން މާލޭގައި ކަންކަން ހިންގާ އުސޫލަށް އެސިޓީގައި ކަންކަން ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. އެގޮތުން އަމާން މާހައުލެއް ގާއިމް ކުރަން މިއަހަރު ވަރަށް ބައިވަރު ކަންކަން ކުރުމަށް ރާވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށެވެ.

"އައްޑޫގައި ޓޫރިޒަމް ފުޅާވެގެންދާއިރު، އައްޑޫގެ ސެކިއުރިޓީ ކަންކަން ރަނގަޅު ވާންޖެހޭ ކަމާއި އެކަންކަމަށް އަވަސް ހައްލު ތަކެއް ބޭނުންވާ ކަމަށް މިނިސްޓަރުގެ އަރިހުގައި އެދިފައިވާނެ،" ޝަރީފް ވިދާޅުވިއެވެ.