މަސްތުވާތަކެއްޗާއެކު އައްޑޫ ސިޓީ އަދި ހުޅުމާލެއިން ދެ މީހަކާއި ނ.ވެލިދޫއިން 18 އަހަރުން ދަށުގެ ކުޑަކުއްޖަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އިއްޔެ ހައްޔަރުކޮށްފައި ވަނީ ވައިގެމަގުން އައްޑޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކާއި ވެލީދޫން މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި 18 އަހަރުން ދަށުގެ ކުއްޖެއްގެ އިތުރުން ހުޅުމާލެއިން ހައްޔަރު ކުރި ދިވެހި ފިރިހެނެއް ކަމަށެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަަސައްކަތްތަކުގެ ތެރެއިން، އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އައްޑޫއިން އިއްޔެ ހައްޔަރުކޮށްފައި ވަނީ ވައިގެ މަގުން އައްޑޫސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހެއް ކަމަށް ފުލުހުން ބުނެއެވެ.

އައްޑޫއިން ހައްޔަރުކުރި މީހައާއި ގުޅިގެން ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ އަދި ހައްޔަރުކޮށްފައިވަނީ މާލޭން ފުރައިގެން އައްޑޫސީޓީއަށް ދަތުރުކުރަމުންދާ މީހަކު މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އިއްޔެގެ 15:44 ހާއިރު ގަން އިންޓަރނޭޝަނަލް އެއާޕޯޓުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެ އޮޕަރޭޝަންގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު، އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށައި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް، އައްޑޫސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ޝަރީޢަތް ނިމެންދެން މިނިސްޓްރީ އޮފް ހޯމްއެފެއާޒުުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ވާކަމަށްވެސް ފުލުހުން ބުނެއެވެ.

ނ. ވެލީދޫން މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި 18 އަހަރުން ދަށުގެ ކުއްޖާ ހައްޔަރުކޮށްފައި ވަނީ ވެލިދޫގައި މަސައްކަތްކުރާ ފުލުހުންނާއި، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެއެވެ.

އެ ކުއްޖާ ހައްޔަރުކޮށްފައިވަނީ ވެލިދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެގެ 14:00 އެހައިކަންހާއިރު ހިންގި އޮޕަރޭޝަނުގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެ ކުއްޖާ ހައްޔަރުކޮށް އެވަގުތު އެކުއްޖާހުރި ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 28 ސެލޯފިންކޮޅު ފެނިފައިވާކަމަށެވެ. އަދި އެ ގޭ ގޯތިތެރެ އިތުރަށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 266 ސެލޯފިންކޮޅު ވަޅުލާފައި ހުއްޓައި ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ހުޅުމާލެއިން ހައްޔަރުކޮަށްފައި ވަނީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ އިއްޔެ ހުޅުމާލެ ޕެޓްރޯލް ކުރަމުންދަނިކޮށް، އެ މީހާގެ އަމަލުތަށް ހުރިގޮތުން އެ މީހާ ހުއްޓުވާ ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 11 ރަބަރު ޕެކެޓާއި ތިން ސެލޯފިންކޮޅު ފެނިފައި ވާ ކަމަށެވެ. އަދި އޭނާގެ އަތުން 9325 ރުފިޔާ ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

މި ތިން މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.