ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީގެ ބޮޑީގާޑުކަން ކުރި ސ. ފޭދޫ/އާސްތާނާ، އަހުމަދު ފައްތާހަށް ސިފައިންގެއިން އަނބުރާ ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނީ، ފައްތާހު ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އަދުލުވެރި ބަދަލެއްގެ ގޮތުގައި، 2016 ވަނަ އަހަރު އޮގަސްޓް 18 ވަނަ ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތުގެ މުސާރައާ އިނާޔަތަށްވާ، 183000 ރުފިޔާއާ މި މުއްދަތުގައި ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި ހައްގުވާ ފައިސާ ދޭން ޖެހޭ ކަމަށެވެ.

ކޯޓުން ކުރި ހުކުމުގައި ވަނީ މި ފައިސާ މިއަދުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތުގައި ސިވިލް ކޯޓަށް ދެއްކުމަށެވެ. އަދި މިއަދުން ފެށިގެން 15 ވަނަ ދުވަހުގެ ތެރޭގައި ފައްތާހު އެމްއެންޑީއެފުގައި އަދާކުރި ކޯޕްރަލްގެ ވަޒީފާ އަނބުރާ އިއާދަކޮށް ދިނުމަށް ކޯޓުން ވަނީ އެމްއެންޑީއެފަށާއި، ދިވެހި ދައުލަތުގެ މައްޗަށް ހުކުމްކޮށްފައެވެ.

މި ހުކުމް ކޮށްފައި ވަނީ، ދައުލަތުން ފައްތާހުއަށް އެއް އަހަރު ދުވަހުގެ މުސާރައާއި އިނާޔަތްދީ ވަޒީފާ އިއާދަ ކުރުމަށް ޝަރީއަތުގައި އެއްބަސް ވެފައިވާތީއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ފައްތާހު ހިމެނުނެވެ.