ކޭޝްކާޑަކާޑެއް ވަގަށްނެގި 38 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ގއ.ކަނޑުހުޅުދޫގައި ދުއްވާ ދޯންޏެއްގައި މަސައްކަތް ކުތާ މީހެއްގެ ދަބަސް ތެރޭގައި އޮތް ވޮލެޓަކުން ކޭޝް ކާޑެއް ވަގަށް ނަގައި އެ ކާޑު ބޭނުންކޮށްފައިވާ ކަމަށް ރޭ 9:08 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ ބަޔަކު ގއ.ވިލިނގިލި ބޭންކް ޖެޓީ ކައިރިއަށް ޑިންގީއެއްގައި ކައިރިކުރި ވަގުތު ފުލުހުން އެމީހުން ހުއްޓުވާ ބަލާ ފާސްކުރި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި ވަގަށް ނަގާފައިވާ ފައިސާގެ ތެރެއިން 5590 ރުފިޔާ ފެނިފައިވާ ކަމަށާއި އަދި ކޭޝްކާޑު މޫދުން ނަގާފައި ވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލާގައި ކާޑު ބޭނުންކޮށްގެން ނަގާފައި ވަނީ ޖުމްލަ 6000 ރުފިޔާއެވެ.

މި މައްސަލަގައި ހައްޔަރުކޮށްފައި ވަނީ 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ފުލުުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ވައްކަމާއި ފޭރުން ދުވަހެއް ދުވަހަކަށް އިތުރު ވަމުން ދާއިރު، މިދިޔަ ޑިސެމްބަރު 16 ވަނަ ދުވަހު އުމުރުން ދުވަސްވީ ދެމަފިރިއެއްގެ ގެއިން ވަނީ ގިނަ އަދަދެއްގެ ފައިސާ ފޭރިގަނެފައެވެ.