ނިމިގެންދިޔަ 2019 ވަނަ އަހަރު ސައުދީ އަރަބިއްޔާގައި މަރުގެ ހުކުމް ތަންފީޒުކުރި އަދަދު 184 އަށް އަރާ ކަމަށާ، އެއީ ފާއިތުވީ 6 އަހަރު ދުވަހަށް ބަލާއިރު، މީލާދީ 1 އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ އަދަދަކަށް 1 ގައުމަކުން މަރުގެ ހުކުމް ތަންފީޒު ކުރި އަދަދު ކަމަށް، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާއެއް ކަމަށްވާ 'ރިޕްރައިވް'އިން ބުނެފިއެވެ.

ސައުދީ ޕްރެސް އޭޖެންސީއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަކާ ހަވާލާދީ ކަމަށް ބުނެ، ރިޕްރައިވްއިން އާންމުކޮށްފައިވާ ބަޔާނަކާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، 2019 ވަނަ އަހަރު ސައުދީއިން މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ އެގައުމަށް ނިސްބަތްވާ 88 މީހެއްގެ އިތުރުން 90 ބިދޭސީއެއްގެ މައްޗަށެވެ. އަދި ވަކި ގައުމެއް ސާފު ނުވާ 6 މީހެއްގެ މައްޗަށްވެސް މަރުގެ ހުކުމް އިއްވާފައިވާކަމަށް ޚަބަރު ލިބެއެވެ.

2019 ވަނަ އަހަރު ސައުދީއިން މަރުގެ ހުކުމް ތަންފީޒުކޮށްފައިވާ ގޮތަށް ބަލާއިރު، އެއް ދުވަހަކާ އެންމެ ގިނަ ބައެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް 37 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވާއިރު، ކުޑަކުދިންގެ ގޮތުގައި ތިބި ދުވަސްވަރު ކުރި ކުށަކަށް އެބައެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރެވުނު 3 ފަރާތެއްވެސް މީގެ ތެރޭގައި ހިމެނޭކަމަށް ރިޕްރައިވްއިން ބުނެއެވެ.

ރިޕްރައިވްގެ ޑައިރެކްޓާ މާޔާ ފޯ ބުނީ، މިފަދަ ކަންކަމުގައި ބައިނަލްއަގުވާމީ ފެންވަރެއްގައި ސައުދީއަށް 'އިމިއުނިޓީ' ނުވަތަ ބަރީއްއަވުމުގެ ބާރު އެގައުމަށް ލިބިފައިވާކަމަށް ސައުދީއިން ގަބޫލުކުރާކަމަށެވެ. ނުފޫޒުގަދަ ވަލީއަހު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް)ގެ ނުފޫޒު ހިންގަމުންދާ ސައުދީގައި، މަރުގެ ހުކުމް ތަންފީޒުކުރާ މިންވަރު އިތުރުވެފައިވާކަމަށާ، މިއަހަރުގެ މިހާ ހިސާބަށް އާދެވުނުއިރު 4 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވާކަމަށްވެސް ރިޕްރައިވްއިން ބުނެއެވެ.

މިދަނޑިވަޅަކީ އިގުތިސޯދީ ގޮތުން ނުފޫޒުގަދަ 19 ގައުމަކާ ވިލާތުގެ އިއްތިހާދުގެ މައްޗަށް އެކުލެވޭ ޖީ-20ގެ އަހަރީ ސަމިޓަށް ސައުދީއަރަބިއްޔާއިން ތައްޔާރުވަމުންދާ ދަނޑިވަޅަކަށްވާއިރު، އެގައުމުން މަރުގެ ހުކުމް ތަންފީޒުކުރަމުންދާ ދިއުމާ ގުޅިގެން ބައެއް ގައުމުތަކުގެ ފާޑުކިއުންތައް ސައުދީއަށް ދަނީ އަމާޒުވަމުންނެވެ.