ދުނިޔޭގައި މިވަގުތު އޮތް އެންމެ ޒަމާންވީ މާއްދާކަމަށް ބެލެވޭ އެތިކޮޅެއް، ގިނިހިލައެއްގެ ދިރާސާ ކުރަމުންދާ ސައިންސްވެރިންތަކެއް ހޯދައިފިއެވެ.
1960ގެ އަހަރުތަކުގެ ތެރޭގައި ދުނިޔެއަށް ވެއްޓުނު 'މާޗިސަން' ގިނިހިލައިގެ ތެރެއިން ފެނުނު ހިރަފުސް ކުނޑިކޮޅުތަކުގެ އުމުރަކީ ގާތްގަނޑަކަށް 7.5 ބިލިއަން އަހަރު ކަމަށް ބެލެވެއެވެ. އެމެރިކާއާއި ސުވިޓްޒަލޭންޑްގެ ސައިންސްވެރިންގެ ޓީމަކުން ވަނީ މި ގިނިހިލައިން ފެނުނު 40 ކުނޑިކޮޅެއް ދިރާސާކޮށްފައެވެ.
ސައިންސްވެރިން ބުނާ ގޮތުގައި މި ހިރަފުސް ކުނޑިކޮޅު ތަކަކީ ދުނިޔެ ހިމެނޭ ސޯލާ ސިސްޓަމް އުފަންވުމުގެ ކުރިން އުފެދިފައިވާ ތަރިތަކުގެ ތެރޭގައި އުފެދުނު މާއްދާއެކެވެ.
މި ތަފްސީލުތައް ބަޔާންކޮށްފައި ވަނީ ޕްރޮސީޑިންގްސް އޮފް ދަ ނޭޝަނަލް އެކަޑަމީ އޮފް ސައިންސަސްގެ ޖާނަލްއެއް ގައެވެ.
ތަރިތައް މަރުވުމުން، އޭގެ ތެރޭގައި އުފެދިފައި ހުންނަ ކުނޑިކޮޅުތައް ބުރައިގެން ދަނީ ޖައްވުގެ ތެރެއަށެވެ. ސޯލާ ސިސްޓަމް އުފެދުމުގެ ކުރިން ބުރައިގެން ގޮސްފައިވާ މި ކުނޑިކޮޅުތައް އެކުވެ، އާ ތަރިއާއި، ޕްލެނެޓާ ހަނދުތަކާ ގިނިހިލަތައް އުފެދެއެވެ.