އެއާޕޯޓު ފެރީއަކާއި ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައި 5 މީހަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ ހުޅުލޭ ނެރު ކައިރިން އެއާޕޯޓް ފެރީއަކާއި ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިރޭ 22:30 ގައި ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އަދި މި އެކްސިޑެންޓުގައި އެއާޕޯޓު ފެރީގައި ތިބި 4 އަންހެން ފަތުރުވެރިއަކާއި ލޯންޗުގައި ހުރި ދިވެހި ފިރިހެނަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާއި އެކްސިޑެންޓްވި ލޯންޗާއި ފެރީވެސް މިހާރުވަނީ މެރިން ޕޮލިސްގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް މައުލޫމާތު ދެއެވެ.

ފެރީއަށާއި ލޯންޗަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވާއިރު، ފެރީއަށް ލިބިފައިވާ ގެއްލުންތަކުން ފެންނަ ގޮތުގައި ފެރީގެ މެދާކަށް ހިސާބު ވަނީ އެއްކޮށް ހަލާކުވެފައެވެ. ލޯންޗުގެ ކުރީކޮޅަށްވެސް ގެއްލުންވެފައިވެއެވެ.

ކަނޑުމަތީގެ ހިތާމަވެރި ހާދިސާތަށް ހިނގަމުންދާ ދުވަސްވަރަކަށްވެފައި، މިދިޔަ ޑިސެމަބަރު މަހުގެ 11 ވަނަ ދުވަހު ދެ ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓެއްގައި، ގެއްލުންތަކެއް ވަނީ ވެފައެވެ. އަދި މިމަހުގެ ދޯންޏަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޓެންޑްގައި މީހަކު ގެއްލިގެން ދަނީ ހޯދަމުންނެވެ.