މާލޭގައި ގްރޫޕަކުން މީހަކަށް އަނިޔާކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމަހުގެ ނުވަ ވަނަ ދުވަހު ދަންވަރުގެ ވަގުތެއްގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ ކުރީގެ ފޮރިން މިނިސްޓްރީ އިމާރާތް ކައިރީގައި ހުރި މީހަކާއި މެދު ގްރޫޕަކުން މާރާމާރީ ހިންގި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިމަހުގެ 10 ވަނަ ދުވަހު 22 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތު ޖަހައިފާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން، މި މައްސަލައާ ގުޅިގެން މި މަހުގެ 12 ވަނަ ދުވަހު 24 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށާއި ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 12 ދުވަހުގެ މުއްދަތެއް ޖަހައިފައި ވާ ކަމަށެވެސް ފުލުހުން މައުލޫމަތު ދެއެވެ.

އަދި މި މައްސަލައިގައި އަނިޔާ ލިބިފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، މިމަހުގެ ނުވަ ވަނަ ދުވަހު މާލޭގައި 14 ވަރަކަށް މީހުން ހިމެނޭ ގްރޫޕަކުން މީހަކަށް އަނިޔާ ކުރާ ވީޑިއޯއެއް މީސް މީޑިއާގައި ވަނީ އާންމުވެފައެވެ.

އާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ މަގުމައްޗަށް ވެއްޓިފައިވާ ޒުވާނަކަށް ބޮޑު ގްރޫޕަކުން އަނިޔާ ކުރާ މަންޒަރެވެ. ފުރަތަމަ އަނިޔާ ކުރަން ފެށިއިރު، އެތަނުގައި ތިބީ ތިން މީހުން ނަމަވެސް މަގުގެ ދެ ފަރާތުންނާއި ކުރިމަތީގައި އޮތް ގޯޅިތަކުން ސައިކަލުތަކުގަ އާއި ދުވެފައި މީހުން ގޮސް އޭނާއަށް އަނިޔާ ކުރާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.