ސައިކަލެއްގައި ދާ ދެ މީހެއްގެ ވީޑިއޯއެއް އާންމުކޮށް އެމީހުން ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން މިއަދު އާންމުކުރި ވީޑިއޯއާ އެކު ބުނީ އެ ވީޑިއޯއިން ފެންނަ ދެ މީހުން ހޯދުމަށް އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

ފުލުހުން ބުނީ އެ ދެމީހުންނަ ބެހޭ މައުލޫމާތު އިނގޭނަމަ ނުވަތަ އެ ދެމީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އިނގޭނަމަ ފުލުހުންގެ ނަންބަރު 3322111 އަށާއި ޓްރެފިކް ފުލުންގެ ނަންބަރު 9660183 ގުޅުމަށެވެ.

އަދި އެ ދެމީހުންނަކީ ފުލުހުންގެ ޖެނެރަން އިންވިސްޓިގޭޝަން ޑިޕާޓްމެންޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދާ ދެ މީހުން ކަމަށްވެސް ފުލުހުން ބުނެއެވެ. ނަމަވެސް އެއީ ކޮން މައްސަލަ އެއް ކަމެއް ހާމައެއް ނުކުރެއެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ދެމީހުން ސައިކަލެއްގައި ގޮސް، ޕާކު ކޮށްފައި ހުރި ސައިކަލަކަށް ފުޅިއެއްގައި ހުރި ދިޔާ އެެއްޗެއް އަޅާލުމަށްފަހު ދެއެވެ.

މި ފަހަކަށް އައިސް އެކި ކަހަލަ މައްސަތަކާ ގުޅިގެން ފުލުހުން އާންމުންގެ އެހީއަށް އެދޭކަން ފާހަގަ ކުރެވެއެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ސައިކަލެއްގައި ދާ މީހެއްގެ ވީޑިއޯއެއް އާންމުކޮށް އޭނާ ހޯދަން ފުލުހުން ވަނީ އާންމުންގެ އެހީއަށް އެދިފައެވެ.