ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުއާސަލާތީ އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ދިރާގުން "އީ-ސިމް" ގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

ދިރާގުން ބުނީ އެ ހިދުމަތް ތައާރަފުކޮށްފައި ވަނީ މިއަދު ކަމަށައި ތައާރަފު ކުރެވިގެންދިޔަ އީ-ސިމް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑިޖިޓަލް މުސްތަގުބަލަކަށް ވާސިލް ވުމަށް އިތުރު ބާރަކަށްވާނެ ކަމަށެވެ. އަދި މޮބައިލް ކަނެކްޝަންތައް މެނޭޖް ކުރުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ދިރާގުން ބުނެއެވެ.

ދިރާގު އީ-ސިމް އެކްޓިވޭޓް ކުރެއްވުމަށް ފަސޭހަކަމާއެކު ދިރާގު އެޕް މެދުވެރިކޮށް ދިރާގު ސިމެއް ލިބޭ އަގުގައި (30 ރުފިޔާ) ކަސްޓަމަރުންނަށް އެކްޓިވޭޓް ކޮށްލެވޭނެ ކަމަށްވެސް ދިރާގުން ބުނެއެވެ.

އީ-ސިމްގެ ހިދުމަތް ބޭނުންކުރެވޭނީ އީ-ސިމް ކޮމްޕެޓިބަލް ނުވަތަ އީސިމް ޓެކްނޮލޮޖީ ހިމެނިފައިވާ ފަހުގެ ފޯނުތަކުގައި ކަމަށައި، އެގޮތުން އީސިމް ސްޕޯރޓްކުރާ އެއްމެ މަގްބޫލު ސަމާޓްފޯނުތަކުގައި ދިރާގު އީސިމް ސަޕޯޓް ކުރާނެ ކަމަށްވެސް ދިރާގުން މައުލޫމާތު ދެއެވެ.

އީ-ސިމް ބޭނުންކުރެވޭނެ ފޯނުތަށް:

އެޕަލް

  • އައިފޯން އެކްސް އެސް
  • އައިފޯން އެކްސް އެސް މެކްސް
  • އައިފޯން އެކްސް އާރް
  • އައިފޯން 11
  • އައިފޯން 11 ޕްރޯ
  • އައިފޯން 11 ޕްރޯ މެކްސް

އެންޑްރޮއިޑް

  • ގޫގުލް ޕިކްސެލް 3 ކުން ފެށިގެން ފަހުގެ ފޯނުތައް

ދިރާގަކީ ދުނިޔެއަށް އަލަށް ތައާރަފު ކުރާ އައު ޓެކްނޮލޮޖީ އާއި ޑިޖިޓަލް ހިދުމަތްތައް ރާއްޖޭގެ މާކެޓަކަށް ގެނެސްދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކުންފުންޔެކެވެ. އަދި ދިރާގުގެ އަމާޒަކީ ދިވެހިރާއްޖެއަށާއި ދިވެހި މުޖުތަމައުއަށް ޑިޖިޓަލް މުވާސަލާތީ ހިދުމަތްތައް މެދުވެރިކޮށް "ޑިޖިޓަލް ރާއްޖެ" އަކަށް މި ހައުމު ވާސިލުކޮށްދިނުން ކަމަށްވެސް ދިރާގުން ބުނެއެވެ.

ދިރާގު އީ-ސިމް އާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް https://www.dhiraagu.com.mv/eSIM.aspx ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެސް ދިރާގުން ބުނެއެވެ.

އީ-ސިމް އަކީ ޑިޖިޓަލް ސިމަކަށް ވުމުން އީސިމް ސަޕޯރޓްކުރާފޯނުތަކުގައި، އާދައިގެ ސިމް އަކާއެކު، ކޮންމެވެސް އެއް އީސީމް ޕްރޮފައިލްއެއް އެއްވަގުތެއްގައި ބޭނުންކުރެވޭނެއެވެ. އެހެންކަމުން، އޮފީސް އަދި އަމިއްލަ ނަންބަރު ގެންގުޅުއްވާ ފަރާތްތަކަށް ދެ ނަންބަރު ބޭނުންކުރެއްވުން ފަދަ ލުއިފަސޭހަތައް މި ޙިދުމަތުގެ ސަބަބުން ލިބިގެންދާނެއެވެ. އެގޮތުން، އީ-ސިމްގައި 8 ނަންބަރާ ހަމައަށް ޕްރޮފައިލް ރައްކާކުރެވެއެވެ. މިއީ ރާއްޖޭން ބޭރަށް ދަތުރުކުރައްވާ ފަރާތްތަކަށް ވެސް ފަސޭހަކަމާއެކު ސިމް މެނޭޖްކުރެއްވޭނެ ހިދުމަތަކަށް ވެގެން ދާނެއެވެ.