މާފަންނު މަދަރުސާގައި އާންތިއަށް ނޭނގި ބޭބީ ނާސަރީގެ ދަރިވަރެއް ބެލްކަނީގައި ރޯން ހުރި މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުންގެ މިޑިއާ އޮފިޝަލް ވިދާޅުވީ، މިދިޔަ އާދިއްތަ ދުވަހު މާފަންނު މަދަރުސާގައި ޓީޗަރަށް ނޭނގި އެ ސްކޫލުގެ ދަރިވަރެއް ބެލްކަންޏަށް ނުކުތް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން އިއްޔެ ފެށީފައިވާ އިރު އިއްޔެ މެންދުރުގެ ވަގުތެއްގައި މާފަންނު މަދަރުސާގެ ތިން ވަނަ ބުރީގެ ބެލްކަނީގައި އެ ސްކޫލުގެ ބޭބީ ނާސަރީ ކުއްޖަކު ރޯން ހުރި މަންޒަރު ފެނި އެތައް ބައެއްގެ ފާޑު ކިޔުން ވަނީ އެ ސްކޫލަށް އަމާޒުވެފައެވެ. މާފަންނު މަދަރުސާގެ ބެލްކަނީގައި ރޯން ހުރީ ކުޑަ އަންހެން ކުއްޖެކެވެ. އޭނާ ބެލްކަންޏާ ހަމައަށް ދިޔައިރު އެކަން އެ ސްކޫލުގައި އެ ކުއްޖާ އުޅޭ ކުލާހުގެ ޓީޗަރުންނަށް ނޭނގޭ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މާފަންނު މަދަރުސާގެ އިސް އޮފިޝަލަކު ވިދާޅުވީ، އެ ސްކޫލުގެ ޕްރީ ސްކޫލުގައި ތައުލީމް ހާސިލް ކުރާ ކުއްޖަކު މިއަދު ބެލްކަންޏަށް ނުކުތް ކަމަށާއި އެހެން ނަމަވެސް 30 މިނެޓް ނުވާނެ ކަމަށެވެ. ކަން ހިނގާ ދިޔަ ގޮތް ބެލެނިވެރިންނަށް ކިޔާ ދީފައިވާނެ ކަމަށާއި އެ ކުއްޖާ އެތަނުގައި ހުރެ ނުރޯ ކަމަށް އެ ސްކޫލުން ބުނެއެވެ. މީގެ އިތުރުން އެކަން ދިމާވީ ސްކޫލުގެ ފުރަތަމަ ދުވަހަށްވެފައި ދަރިވަރުން ސްކޫލުގެ މާހައުލަށް ނުހޭނޭތީ ކަމަށް އެ ސްކޫލުން ބުނެއެވެ. އަދި އެ ކުއްޖާއަކީ މިޒާޖުގައި ހަލަނި ކުއްޖެެއް ކަމަށްވެސް އެ ފަރާތުން ބުނެއެވެ.
ސްކޫލަށް ފުރަތަމަ ދުވަހު ދިޔަ ކުއްޖާއަކީ މިޒާޖުގެ ގޮތުން ހަލަނި ކުއްޖެއް ކަމަށް ސްކޫލުގެ އޮފިޝަލް ވިދާޅުވުމުން އެކަމަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. ފުރަތަމަ ދުވަހު ކުއްޖާ ސްކޫލަށް ގޮސް މާ ގިނަ އިރެއް ނުވެ ޓީޗަރުންގެ އިހުމާލުން ކުއްޖާ ކުލާހުން ބޭރަށްގޮސް ބެލްކަނީގައި ހުރި އިރު އެކުއްޖާއަކީ ހަލަނި ކުއްޖެއް ކަމަށް ސްކޫލުން ބުނެދޭނީ ކިހިނެއް ކަމާ މެދު އާންމުންގެ ބައެއް މީހުން ވަނީ ސުވާލު އުފައްދާފައެވެ.
އެކުއްޖާ އެތަނުގައި ހުރެ ނުރޯކަމަށް ސްކޫލުގެ ފަރާތުން ބުނެފައި ވީ ނަމަވެސް އެކުއްޖާ އެތަނުގައި ހުންނަތަން ފެންނަ ވީޑިއޯއިން އެ ކުއްޖާ ހުންނަނީ ރޮއެ ރޮއެ ގިސްލެވި ބަލިވެފައެވެ. އެ ކުއްޖާ ހުއްޓިގެން ހުރި ދިމާލުން ފާރާ ދިމާލުގައި އޭސީ އައުޓް ޑޯ ޔުނިޓެއް ހުރި އިރު އެކުއްޖާ އެ އައުޓްޑޯ ޔުނިޓުގައި އަތް ޖައްސާލާ ތަންވެސް ވީޑީއޯ އިން ފެނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާ ހުރި ބެލްކަންޏަކީ އެ އިމާރާތުގައި ބޭނުންކުރާ ތަނެއް ނޫނެވެ. އަދި އެ ކުއްޖާ އެތަނަށް ދިޔަ ގޮތް އަދި ސާފުވާ ގޮތެއް ނުވެއެވެ.