ލަކްސް ސައުތު އަރި އެޓޯލްގެ ފަރާތުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް 14،000 ޑޮލަރު ހަދިޔާކޮށްފިއެވެ.

ލަކްސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެހީ ހަވާލުކޮށްފައިވަނީ އެ ރިސޯޓްގެ ޖެނެރަލް މެނޭޖަރު ޖޮނަސް އަމްސްޓަޑްއެވެ. އަދި ޖެންޑާ މިނިސްޓްރީގެ ފަރާތުން އެހީއާ ހަވާލުވެވަޑައިގެންފައިވަނީ މިނިސްޓަރު ޝިދާތާ ޝަރީފެވެ.

އެގޮތުން ކުޑަކުދިންގެ ހިޔާއަށް ހަދިޔާކުރީ 7،000 ޑޮލަރެވެ. އަދި ފިޔަވަތިއަށް ހަދިޔާ ކޮށްފައިވަނީ 7،000 ޑޮލަރެވެ.

ރަސްމިއްޔާތުގައި މިނިސްޓަރު ޝިދާތާ ވިދާޅުވީ މި އެހީގެ ފައިސާ ބޭނުން ކުރަން ހަމަޖެހިފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް އަމާން، ރައްކާތެރި އަދި ދިރިއުޅުމަށް ފަސޭހަ މާހައުލެއް ގާއިމުކުރުމަށް ކަމަށެވެ. އަދި އަމިއްލަ ފަރާތްތަކުގެ އިސްނެންގެވުމުގެ މަތިން ދެއްވާ މި ފަދަ އެހީތަކުގެ ސަބަބުން އެ ކުދިންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެވޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި މި ވަގުތު ޖުމްލަ 155 ކުދިން އެބަތިއްބެވެ. އެ ކުދިންގެ ތެރެއިން 13 އަހަރުން ދަށުގެ 107 ކުދިން ދިރިއުޅެމުންދަނީ ފިޔަވަތިގައެވެ. އަދި 13 އަހަރުން މަތީގެ 48 ކުދިން ދިރިއުޅެމުންދަނީ ކުޑަކުދިންގެ ހިޔާގައެވެ.