ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ކާޑިއެކް ސެންޓަރު ބަންދުކޮށްފައި ހުންނާތީ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
މިގޮތުން ކުޅުދުއްފުށީގެ އޮންލައިން ނޫހަކުން، އެ ސެންޓަރާ ގުޅޭގޮތުން ލިޔެފައިވާ ލިޔުމެއް ހިއްސާ ކުރައްވާ ޝިޔާމް އޭނާގެ ޓްވީޓާގައި ވަނީ ކުޅުދުއްފުށީ ރައްޔިތުންނަށް ހައްގު މިންވަރަކީ އެއީތޯ ސުވާލުކުރައްވާފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ކާޑިއެކް ސެންޓަރަށް ބޭނުންވާ ހުރިހާ ވަސީލަތްތައް ހޯއްދަވާ ދެއްވިކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ، އެކަމުގައިވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އެނގުނީ ރިބަން ކަނޑާލަން އެކަނި ކަމަށެވެ.
ޝިޔާމް ވިދާޅުވީ ކާޑިއެކް ސެންޓަރު ހިންގާލަންވެސް މި ސަރުކާރަށް ނޭނގުނުތަނުގައި ޖެހިފައިވާ މައްސަލަ ހައްލުކޮށްދޭން ވެސް މި ސަރުކާރަށް ނޭނގުނު ކަމަށެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކުރީގެ ރައީސް ޔާމީންގެ ދައުރުގައި ތަރައްގީ ކުރެވުނު ކާޑިއެކް ސެންޓަރު ހުޅުވުނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގައެވެ. ނަމަވެސް އެތަން ހުޅުވުނު އިރުވެސް ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ނެތެވެ. އެހެން ކަމުން، އެ ސެންޓަރުގެ ބޭނުން އެއްގޮތަކަށްވެސް އެރަށުގެ ރައްޔިތުންނަކަށް ނުހިފެއެވެ.
ކުޅުދުއްފުއްޓަކީ އުތުރުގެ އެންމެ އާބާދީ ބޮޑު ރަށެވެ. ރައީސް ސޯލިހު މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ރައީސް ސޯލިހު ވަނީ ކުޅުދުއްފުށްޓައް ސިޓީއެއްގެ ދަރަޖަ ދީފައެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ސިޓީގެ ދާއިރާތައްވެސް ދާދިފަހުން ކަނޑައަޅާފައެވެ.