އިރާގުގެ ވެރިރަށް ބަގުދާދުގެ އުތުރުން އޮންނަ އެގައުމުގެ އަސްކަރީ ބޭހަކަށް އަމާޒުކޮށްދިން ރޮކެޓް ހަމަލާތަކެއްގައި، އިރާގު އަސްކަރިއްޔާގެ 4 މެމްބަރަކު ޒަހަމްވެއްޖެއެވެ.

އިރާގުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މި ބޭސްއަކީ އިރާގުގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ އަސްކަރިއްޔާއިން މަރުކަޒުކޮށްގެން ތިބި ބޭސްއެކެވެ. ނަމަވެސް އެމެރިކާގެ އެއްވެސް މީހަކަށް މި ހަމަލާތަކުގައި ހާނީއްކަ ވެފައެއް ނުވެއެވެ.

އިރާގުގެ އަސްކަރިއްޔާއާއި ހަވާލާދީ އެގައުމުގެ ރަސްމީ ޚަބަރު ފަތުރާ 'އިނާ'އިން ބުނީ ބަގުދާދާ ގާތްގަނޑަކަށް 80 ވަރަކަށް ކިލޯމީޓަރު ދުރުން އޮންނަ އަލް-ބަލާދު އެއާބޭސް އަށް ދީފައިވަނީ ކަޓްޔޫޝާ ރޮކެޓް ހަމަލާތަކެއް ކަމަށާ، މިފަދަ 8 ހަމަލާއެއް ދީފައިވާކަމަށެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯވަނީ އިރާގަށް ހަމަލާ ކުށްވެރިކުރައްވާފައެވެ.

މި ހަމަލާތަކުގެ ޒިންމާ، އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.

އެމެރިކާ ސިފައިން ތިބޭ، އިރާގުގެ އަސްކަރީ ބޭސްއަކަށް ރޮކެޓް ހަމަލާތަކެއް އަމާޒުވެފައި މިވަނީ، އީރާނު އަސްކަރިއްޔާގެ އިސް ކޮމާންޑަރު ގާސިމް ސުލައިމާނީ މަރާލިކަމުގެ ބަދަލު، އެމެރިކާގެ ކިބައިން ހިފާނެ ކަމަށް، އީރާނުން ތަކުރާރުކޮށް އިންޒާރުދެމުންދާ ދަނޑިވަޅެއްގައެވެ. އީރާނުން ވަނީ، އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަކަށް އަމާޒުކޮށް، މިދިޔަ ހަފުތާ ތެރޭގައި ރޮކެޓް މިސައިލް ހަމަލާތަކެއް ދީފައެވެ.