2012 ވަނަ އަހަރު އައްޑޫ ސިޓީގެ މަރަދޫފޭދޫގައި ވިހެއުމަށް ފަހު ވަޅުލާފައި އޮއްވައި ފުލުހުން ނެގި ތުއްތު ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވިންދު ހުރި ކަމަށް މި މައްސަލާގައި ހެކިބަސް ދިން ހެކިވެރިން ބުނެފިއެވެ.
މި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ދެމަފިރިން ކަމަށްވާ މަރަދޫފޭދޫ ފިނިފެންމާގެ އިބްރާހިމް ވިޝާމް އާއި އަދި ހަމަ އެ ރަށު އައިމިނަތު ޝާހީ އާލާ އަށެވެ. އެ ދެމަފިރިންނަށް ލިބުނު ފުރަތަމަ ދަރިފުޅު ވަޅުލި ކަމަށް އެމީހުން ތަހުގީގުގައި އިއުތިރާފްވެފައިވާ ކަމަށް ފުލުހުން މީގެކުރިން ވަނީ ހާމަކޮށްފައެވެ.
އެ ދެ މީހުންގެ މައްޗަށް ގަސްތުގައި ކުއްޖަކު މެރުމުގެ ދައުވާ އުފުލާފައި ވާއިރު ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔައީ އެ ދެމީހުންނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކާއި ގުޅޭގޮތުން ވާހަކަ ދެއްކުމެވެ.
އެގޮތުން މި ހާދިސާ ހިނގިއިރު ސ. ގަން ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރި ފުލުސް އޮފިސަރަކު ހެކިބަސް ދެމުން ވިދާޅުވީ ކުއްޖާ ވަޅުލާފައިވާތަން ޓޯޗުން އަލިކޮށްގެން ބެލިއިރު ފިޔާތޮށި ޓީޝާޓެއްގައި އޮޅާފައި އޮތް ތުއްތު ކުއްޖަކު ފެނުނު ކަމަށެވެ.
އަދި ކުއްޖާ ނެގިއިރުވެސް ވިންދު ޖަހާ ކަމަށާއި އެގޮތުން ހޮސްޕިޓަލަށް ގެންދިޔުމުން ޑޮކްޓަރު ވެސް އެގޮތަށް ބުނެފައިވާ އޮފިސަރު ވިދާޅުވިއެވެ. ފުލުސް އޮފިސަރުގެ އިތުރުން މި މައްސަލާގައި ދެން ހެކިބަސް ދިން ސިއްރު ދެ ހެކިވެރިން ވެސް ވަނީ ވަޅުލި ކުއްޖާ ނެގިއިރު ވިންދު ހުރި ކަމަށް ބުނެފައެވެ.
ހެކިވެރިންގެ ވާހަކަތަކާ ގުޅިގެން ވިސާމްގެ ގާނޫނީ ވަކީލު ވިދާޅުވީ މަރާލެވޭނީ ދިރިހުރި ފުރާނައެއް ކަމަށާއި ކުއްޖާ ފެނުނު ކަމުގައިވިޔަސް އެއީ ދިރިހުރި ކުއްޖެއްކަން ޝައްކެއް ނެތް މިންވަރަށް ޔަޤީން ކުރެވޭ ވަރު ބުރަދަން ހުރި ހެއްކެއް ނެތް ކަމަށެވެ.
މި މައްސަލައިގެ ހެއްކާ ގުޅޭގޮތުން ވާހަކަދެއްކުމުގެ އަޑުއެހުން ނިންމާލާފައިވާއިރު ދެން މި މައްސަލައިގައި އޮންނާނީ ޚުލާސާ ބަޔާން އިއްވުމެވެ. އެގޮތުން ޚުލާސާ ބަޔާން އިއްވުމަށް 4 ފެބްރުއަރީ 2020 އަށް ވަނީ ތާވަލުކޮށްފައެވެ. އަދި މައްސަލައިގައި ހުކުމް ކުރުމަށް 27 ފެބްރުއަރީ ވަނީ ކަނޑައަޅާފައެވެ.