މާލޭގެ ރެސްޓޯރެންޓެއްގައި ބަނގުރަލުން ވިޔަފާރި ކުރަން ތިބި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 8:50 ހާއިރު މާލޭގެ ރެސްޓޯރެންޓެއްގައި ބަނގުރަލުން ވިޔަފާރި ކުރަން ބަޔަކު ތިބި ކަމުގެ މައުލޫމާތު ލިބިގެން އެ އެތަނަށް ގޮސް އެ ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތިން މީހުންގެ ދަބަސްތައް ބަލާ ފާސް ކުރި އިރު އެ ދަބަސްތަކުގެ ތެރެއިން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ގިނަ އަދަދެއްގެ ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރު ކުރީ 34 އަހަރުގެ ދިވެހި ފިރިހެނަކާއި 50 އަހަރުގެ ދިވެހި ފިރިހެނަކާއި 38 އަހަރުގެ ސްރީލަންކާ ފިރިހެނެއް ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެތީގެ މައްސަލަތައް އާންމުވެފައި ވާއިރު، މި މަހުގެ ތިންވަނަ ދުވަހު ކ. މާފުށީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 21 ފުޅި ބަނގުރާ ވަނީ ހޯދާފައެވެ. ،މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ހަމައެއާއެކު މި މަހުގެ ހަވަނަ ދުވަހު ކ.ކާށިދޫން ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ފުޅި ތަކަކާއެކު ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ.