މާފަންނު މަދަރުސާގައި ކިޔަވާ ދަރިވަރެއް ބެލްކަނީގައި ރޯން ހުރި މަންޒަރާ އެކު އެތައް ބައެއްގެ ފާޑުކިޔުން އެ ސްކޫލަށް އަމާޒުވެއްޖެއެވެ.

މިއަދަކީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނު ދުވަހެވެ. ސްކޫލްތަކަށް ކުދިން ގެންދިއުމުގައި ހަރަކާތްތެރިވަމުން ދިޔަ މިއަދުގެ ބިޒީ ވަގުތު މާފަންނު މަދަރުސާގެ ބެލްކަނީގައި ރޯން ހުރި ކުޑަ އަންހެން ކުއްޖެއް ވަނީ ފެނިފައެވެ. ބެލްކަނީގައި ރޯން ހުރި ކުޑަ އަންހެން ކުއްޖާއަކީ އެ ސްކޫލްގެ ބޭބީ ނާސަރީގައި އުޅޭ ކުއްޖެކެވެ. އަދި އޭނާ ބެލްކަންޏާ ހަމައަށް ދިޔައިރު އެކަން އެ ސްކޫލުގައި އެ ކުއްޖާ އުޅޭ ކުލާހުގެ ޓީޗަރުންނަށް ނޭނގޭ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މާފަންނު މަދަރުސާގެ އިސް އޮފިޝަލަކު ވިދާޅުވީ، އެ ސްކޫލުގެ ޕްރީ ސްކޫލުގައި ތައުލީމް ހާސިލް ކުރާ ކުއްޖަކު މިއަދު ބެލްކަންޏަށް ނުކުތް ކަމަށާއި އެހެން ނަމަވެސް 30 މިނެޓް ނުވާނެ ކަމަށެވެ. ކަން ހިނގާ ދިޔަ ގޮތް ބެލެނިވެރިންނަށް ކިޔާ ދީފައިވާނެ ކަމަށާއި އެ ކުއްޖާ އެތަނުގައި ހުރެ ނުރޯ ކަމަށް އެ ސްކޫލުން ބުނެއެވެ. މީގެ އިތުރުން އެކަން ދިމާވީ ސްކޫލުގެ ފުރަތަމަ ދުވަހަށްވެފައި ދަރިވަރުން ސްކޫލުގެ މާހައުލަށް ނުހޭނޭތީ ކަމަށް އެ ސްކޫލުން ބުނެއެވެ. އަދި އެ ކުއްޖާއަކީ މިޒާޖުގައި ހަލަނި ކުއްޖެެއް ކަމަށްވެސް އެ ފަރާތުން ބުނެއެވެ.

އެކުއްޖާ އެތަނުގައި ހުރެ ނުރޯކަމަށް ސްކޫލުގެ ފަރާތުން ބުނެފައި ވީ ނަމަވެސް އެކުއްޖާ އެތަނުގައި ހުންނަތަން ފެންނަ ވީޑިއޯއިން އެ ކުއްޖާ ހުންނަނީ ރޮއެ ރޮއެ ގިސްލެވި ބަލިވެފައެވެ. އެ ކުއްޖާ ހުއްޓިގެން ހުރި ދިމާލުން ފާރާ ދިމާލުގައި އޭސީ އައުޓް ޑޯ ޔުނިޓެއް ހުރި އިރު އެކުއްޖާ އެ އައުޓްޑޯ ޔުނިޓުގައި އަތް ޖައްސާލާ ތަންވެސް ވީޑީއޯ އިން ފެނެއެވެ.

ޕްރީ ސްކޫލްގެ ގްރޭޑްތަކުގެ ކުދިންގެ ތެރެއިން ބޭބީ ނާސަރި އަދި ނާސަރީ ކުދިންނަކީ މުޅިން އަލަށް ސްކޫލަށް ދާ ކުދިންނަށް ވީ އިރު ފުރަތަމަ ހަފްތާ ތެރޭގައި އެ ގްރޭޑްތަކަށް ކިޔައިވައިދޭ ޓީޗަރުން ތިބެން ޖެހޭނީ ވަރަށް ތައްޔާރުވެގެންނެވެ. ސަބަބަކީ މި ގްރޭޑްތަކަށް ކިޔަވަން ސްކޫލަށް ދާ ކުދިން ފުރަތަމަ ހަފްތާތެރޭގައި ރޮއެ ބޮޑާ ހާކާތީއެވެ.

މި ގްރޭޑްތަކަށް ކިޔަވައިދޭ ސްކޫލްތަކުގައި ކްލާހެއްގައި މަދުވެގެން ދެ ޓީޗަރުން ކުދިންނާ ހަވާލުވެގެން ތިބޭ ކަން ފާހަގަކުރެވެއެވެ. ނަމަވެސް މިއަދު ފެނިގެން މި ދިޔަ މަންޒަރުން އެތައް ބަޔަކު ވަނީ މާފަންނު މަދަރުސާއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

ބައެއް މީޑިއާތަކުގައި ކަން ހިނގި ގޮތުގެ ތަފްސީލު ގެނެސްދީފައިވާ ގޮތުގައި، އެ ކުއްޖާ ރޯއަޑު ނުހުއްޓި އިވެމުން ދިޔަކަމަށް ވެއެވެ. މަގުމަތިން ދިޔަ މީހަކު ބުނި ގޮތުގައި ނުހުއްޓި އެ ކުއްޖާ ރޮމުން ދިޔަ އަޑު އިވިގެން އަޑު އަންނަ ދިމާއަށް ބަލާލި އިރު އެ ކުއްޖާ ބެލްކަނީގައި ހުރިތަން ފެނިފައި ވެއެވެ.

އެ ވަގުތު އެ މަންޒަރު ފެންނަ ބަޔަކު މާފަންނު މަދަރުސާ ތެރެއަށް ވަދެގެން ގޮސް އެ ކުއްޖާ ބެލްކަނިން ނެރެގެން ސްކޫލްގެ ޓީޗަރުންގެ ގާތަށް ގެންދިޔަ ކަމަށް މީޑިއާތަކުން ބުނެއެވެ. އަދި އެ ކުއްޖާ ނިސްބަތްވާ ކުލާހުން ކުއްޖަކު މަދުވެގެން އުޅޭކަން ވެސް ޓީޗަރުންނަށް ނޭނގޭ ކަން ފާހަގަކޮށް އެ މަދަރުސާ ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށް އެ މީޑިއާއިން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާ ހުރި ބެލްކަންޏަކީ އެ އިމާރާތުގައި ބޭނުންކުރާ ތަނެއް ނޫނެވެ. އަދި އެ ކުއްޖާ އެތަނަށް ދިޔަ ގޮތް އަދި ސާފުވާ ގޮތެއް ނުވެއެވެ.