އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ތުހުމަތުގައި މީގެކުރިންވެސް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލު ކުރުމަށް ފަހު ދޫކޮށްލި އުފާ މުހުތާރުގެ އާ ވީޑިއޯއެއް އަނެއްކާވެސް އާއްމުވެއްޖެއެވެ.
ޔޫޓިއުބްގައި ޗެނަލެއް ހަދައިގެން އޭނާ ވީޑިއޯ ލާން ފަށާފައި ވަނީ މި މަހު 10 ދުވަހުން ފެށިގެންނެވެ. އެގޮތުން އޭނާ މިހާތަނަށް ޖުމްލަ ތިން ވީޑިއޯއެއް ޔޫޓިއުބުގައި ޕޯސްޓު ކޮށްފައި ވެއެވެ. ފުރަތަމަ ވީޑިއޯގައި އޭނާ ވާހަކަ ދައްކާފައި ވަނީ ރާއްޖޭގައި އޮތް ޖިންސީ ތަފާތުކުރުންތަކާ ގުޅޭ ގޮތުންނެވެ. މިކަމާ ގުޅިގެން 'ދަ ޕްރެސް' އިން ކުރި މަސައްކަތުން އިސްލަމިކް މިނިސްޓްރީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
އިސްލާމްދީނަށް ފުރައްސާރަ ކުރާ މައްސަލާގައި އެ އަންހެން މީހާ ފުލުހަށް ހާޒިރު ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އޭރުވެސް އޭނާ ދިޔައީ މީސްމީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އިސްލާމް ދީނާ ހިލާފު ވާހަކަތައް ދައްކަމުންނެވެ.
ފުލުހުން އުފާ ހާޒިރު ކުރީ ޅ. ނައިފަރު ޕޮލިސް ސްޓޭޝަނަށެވެ. ނަމަވެސް އޭނާ އާ މެދު އެޅި ފިޔަވަޅެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.
ޔޫޓިއުބްގައި އުފާ އާއްމުކުރި ވީޑިއޯތަކުގައި އޭނާ ބުނީ ރާއްޖޭގެ ރައްޔިތުންނަށް އިސްލާމް ދީން ނޫން އެހެން ދީނެއް ގަބޫލުކުރުމަކީ މަނާ ކަމެއް ކަމަށާއި އިސްލާމް ދީނަށް އުޅުމަކީ ދިވެހި ރައްޔިތުންނަށް މަޖުބޫރު ވެފައިވާ ކަމެއް ކަމަށެވެ. އަދި އިސްލާމް ދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ހައްދު ފަހަނައަޅާފައިވާ ފިކުރުގެ މީހުން އިންޒާރު ދޭ ކަމަށްވެސް ބުނެފައި ވެއެވެ. އަދި ދާދި ފަހުން ދީނާ ދެކޮޅު ވާހަކަ ދައްކައިގެން ރުސްތުމް ނަމަކަށް ކިޔާ މީހަކު ފުލުހުން ހައްޔަރުކުރި ކަމަށް ބުނެ އޭނާ ބުނީ އެ މީހާ ހައްޔަރު ކުރުމަށް ފަހު ފުލުހުން ލާފައި ބެހެއްޓީ ހަރުކަށި ފިކުރުގެ މީހުން ތިބި ޖަލަކަށް ކަމަށެވެ. އެ ޖަލުން އެމީހާއަށް އަނިޔާ ލިބުނު ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް މިވާހަކަތަކުގެ ސައްހަކަން ކަށަވަރު ކުރެވިފައެއް އަދި ނުވެއެވެ.
އޭނާގެ ގިނަ ތުހުމަތުތައް ސަރުކާރަށް އަމާޒު ކޮށްފައި ވާއިރު، ސްކޫލުތަކުގައިވެސް ކިޔަވައިދެނީ އިސްލާމް ދީނުގެ އަސްލު ހަމަތަކަށް ފުށޫ އަރާ ގޮތަށް ކަމަށާއި ވަކި އުމުރަކަށް ދިއުމުން އިންޓަނެޓު މެދުވެރިކޮށް ދީނާ ބެހޭ މައުލުމާތު ހޯދާއިރު ލިބެން ހުންނަ މައުލުމާތާއި ކިޔަވައިދީފައި ހުރި މައުލޫމާތުތަކުގައި ފުށޫ އެރުންތަކެއް ހުންނާތީ ގިނަ ފަހަރު އިސްލާމް ދީން ދޫކުރަން ކިޔަވާ ކުދިން ބޭނުންވާ ކަމަށް ބުނެ ވާހަކަ ދައްކައެވެ. އަދި އޭނާ އެވާހަކަ ދައްކަނީ އިލްމީ ކޮން ހަގީގަތެއްގެ މައްޗަށް ބިނާކޮށްކަމެއް ސާފެއް ނުވެއެވެ.
އޭނާ އިތުރަށް ބުނެފައިވަނީ ބައެއް ކުދިން އިސްލާމް ދީން ދޫކޮށްލާއިރު ބައެއް ކުދިންނަށް އިންޓަނެޓު މެދުވެރިކޮށް ޖިހާދު ކުރުމަށް ހިތްވަރު ލިބޭ ކަމަށެވެ. އަދި "ޖިހާދީ ޓެރަރިސްޓުން" ބޭތިއްބުމަށް ސަރުކާރުން އަގު ބޮޑު ޖަލެއް ހަދާފައި ވާކަމަށާއި އިސްލާމް ދީނާ ދެކޮޅު މީހުންނަށް ވަކި ހާއްސަ އުސޫލެއް ކަނޑައަޅާފައި ނޯންނަ ކަމަށްވެސް އޭނާ ބުނެ ސަރުކާރަށްވެސް ފާޑުކިޔައެވެ.
އުފާގެ ވާހަކައިގެ އަމާޒަކީ ކޮބައިކަން ސާފު ނުވާއިރު އޭނާގެ ވީޑިއޯއަށް ކޮމެންޓް ކޮށްފައި ހުރި ގިނަ މީހުންވެސް ބުނެފައިވަނީ އޭނާ އަކީ އެއްވެސް އަމާޒެއް ނެތި ވާހަކަތަކެއް ދައްކާ އަންހެނެއް ކަމަށާއި އޭނާ އުޅެނީ މީހުންގެ މަގުބޫލުކަން ހޯދަން ކަމަށެވެ.
ލިޔުމުގެ ފޮންޓް ރަގަޅު ކޮށްދެއްވާ
އިނގިރޭސި ވެސް ރަގަޅަށް ނޭގޭ ބޯތާ އެއް..