ފިހާރައެއްގެ ތެރޭގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ޖެންޑާ އިން ބުނީ، މެދުރާއްޖެތެރޭގެ ރަށެއްގައި ފިހާރައެއްގެ ތެރޭގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ރައްދުވާ ކުއްޖާ މިހާރު ވަނީ ރައްކާތެރި މާހައުލެއްގައި ކަމަށްވެސް ޖެންޑާއިން ބުނެއެވެ.

މައުލޫމަތު ލިބިފައި ވާ ގޮތުގައި ޖިންސީގޯނާ ކޮށްފައިވަނީ މެދުރާއްޖެތެރޭގެ ރަށެއްގެ ފިހާރައެއްގެ ތެރޭގައެވެ. އެ ހާދިސާގައި ޖިންސީ އަނިޔާ ލިބިފައިވަނީ އެ ފިހާރައިގައި މަސައްކަތްކުރާ އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށްވެސް މައުލޫމަތު ލިބިފައިވެއެވެ.

މި ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ރިޕޯޓު ކުރަމުންދާ ކަން ފާހަގަކުރެވެއެވެ. އެގޮތުން މި ދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ބޯޓެއްގައި 2 އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މި މައްސަލައިގައި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައި ވަނީ އެ ދޯނީގެ ފަޅުވެރިއަކަށް އުޅުނު އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މައްސަަ ރިޕޯޓު ކުރުމުން އެ ދޯނި އައިސް މާލެއަށް ލެފި ވަގުތު ޕޮލިހުން އައިސް ވަނީ އެ މީހާ ހައްޔަރު ކޮށްފައެވެ.