ކޮންމެ ކީ ސްޓޭޖަކުން 10 ސްކޫލްއެއްގެ ފޮތްތައް ޑިޖިޓަލައިޒް ކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު ފާތިމަތު ނަސީރު ވިދާޅުވީ ސްކޫލް ކުދިންގެ ފޮތްތައް ޑިިޖިޓަލައިޒް ކުރަން އަދި ފަށާނީ ޕައިލެޓް ޕްރޮޖެކްޓްއެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ހަތަރު ކީ ސްޓޭޖެއްގެ ފޮތްތައް ޑިޖިޓަލައިޒްކުރަން ފަށަން ނިންމާފައިވާއިރު، ކީ ސްޓޭޖް އެކަކުން ފެށިގެން ހަތަރަކަށް ކޮންމެ ކީ ސްޓޭޖަކުން 10 ސްކޫލްއެއްގެ ފޮތްތައް ޑިޖިޓަލައިޒްކުރާނެ ކަމަށް ފާތިމަތު ވިދާޅުވިއެވެ.

މީގެ އިތުރުން ސްޓޭޓް މިނިސްޓަރު ފާތިމަތު ވިދާޅުވީ މިހާރު ކީ ސްޓޭޖް އެކެއްގެ ފޮތްތައް ޑިޖިޓަލް ކުރުމަށް 10 ސްކޫލް ނިންމާފައިވާ ކަމަށެެވެ. ފާތިމަތު ވިދާޅުވީ އާ މަންހަޖުގައި އައިސީޓީ އަކީ ވަރަށް މުހިއްމު ބައެއް ކަމަށާއި ކުދިން ޓެބްލެޓް ބޭނުންކުރުމަށް ތައްޔާރު ވަމުންދާ ކަމަށެވެ.

އާ މަންހަޖަށް ބަދަލު ކުރުމަށް ފަހު ކީސްތޭޖްތައް ބަހާލާފައި ވަނީ ހަތަރު ބަޔަކަށެވެ. އެގޮތުން ކީ-ސްޓޭޖް 1 ގައި ހިމެނެނީ ގްރޭޑް 1 އިން 3 އެކެވެ. ކީ-ސްޓޭޖް 2 ގައި ހިމެނެނީ ގްރޭޑް 4، 5 އަދި 6 އެކެވެ. ކީ-ސްޓޭޖް 3 ގައި ހިމެނެނީ ގްރޭޑް 7 އަދި 8 އެކެވެ. އަދި ކީ-ސްޓޭޖް 4 ގައި ހިމެނެނީ ގްރޭޑް 9 އަދި 10 އެކެވެ.

އާ މަންހަޖަށް ކިޔަވައި ދިނުމަށް ފޮތްތަށް ބަދަލުކުރި ފަހުން ކުދިންނަށް ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދިނުމަށް ފެށި ޕްރޮގްރާމްގައި ހުރިހާ ކުދިންނަށް ޓްބްލެޓް ވަނީ ހަވާލުކޮށްފައެވެ.ނަމަވެސް ޓެބްލެޓް ބޭނުންކޯށްފައި ވަނީ މަދު ސްކޫލެއްގައި ކަން ފާހަގަކޮށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވަނީ ކުރިއަށް އޮތްތަނުގައި ޓެބްލެޓް ބޭނުންކޮށްގެން ހުރިހާ ސްކޫލަކުން ކިޔެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ވިދާޅުވެފައެވެ.

މި މަންހަޖުގެ ތެރޭގައި ގިނަ ކުރިން ކިޔަވާ މާއްދާތަަކށް ވުރެ ގިނަ މާއްދާތައް އިތުރުވެ ފޮތްތައް ބޯވެފައި ވުމުން ކުދިންގެ ދަބަސް ބަރުވާތީ އެކަމުގެ ޝަކުވާ ގިނަ ބެލެނިވެރިން އަންނަނީ ކުރަމުންނެވެ. އެހެންކަމުން މި ފޮތްތައް ޑިޖިޓަލް ކުރުމުގެ ވާހަކަތައް ވަނީ މިދިޔަ އަހަރުތެރޭ ފެތުރެން ފަށާފައެވެ.