20 މީހުންނާއެކު މާލެއިން އުކުޅަހަށް ދަތުރުކުރި ލޯންޗެއް ފަރަށް އަރައިފިއެވެ.

އެ ލޯންޗަކީ އއ. އަތޮޅު ތެރެއަށް ދަތުރުކުރާ ފެރީ "ކޮރަލް ސްޕީޑް" ލޯންޗް ކަމަށް މައުލޫމާތު ލިބެއެވެ.

އެމްއެންޑީއެފުން ބުނީ 20 މީހުންނާއެކު މާލެއިން ފުރައިގެން އއ. އުކުޅަހަށް ދަތުރުކުރި ލޯންޗެއް ފަރަށް އަރާފައިވާ ކަމަށެވެ. ފަރަށް އަރާފައި ވަނީ ގިރާވަރު ރިސޯޓުގެ ދެކުނު ފަރާތު ކަންމައްޗަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާ އެމްއެންޑީއެފަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހަވީރު 4:55 ގައި ކަމަށާއި އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ކޯސްޓުގާޑުން ހަރަކާތްތެރި ވަމުންދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އެމްްއެންޑީއެފް ކޯސްޓްގާޑުން މިހާރު ދަނީ އެ ލޯންޗަށް އެހީތެރިކަން ފޯރުކޮށްދޭޭން މަސައްކަތް ކުރަމުންނެވެ.

މިއަދު ހަވީރު ލޯންޗެއް ފަރަށް އަރާފައި ވާއިރު، މިދިޔަ އާދިއްތަ ދުވަހު މުދާ އުފުލާ "ޓީޓީއެސް ފާން"ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ފަރަށް އަރާ ދޯނީގެ ކައްޕި ވަނީ ގެއްލިފައެވެ. އެއީ ހދ. ކުޅުދުއްފުށީ ހަވީރީނާޒް، 37 އަހަރުގެ މުހައްމަދު ޔޫސުފް އެވެ. އަދިވެސް އޭނާ ހޯދުމަށް އެމްއެންޑީޢެފުން ދަނީ ހަރަކާތްތެރިވަމުންނެވެ.