ޒުވާނުން މަސައްކަތް ކުރަންވީ އެހެން މީހުންނަށް އިސްކަންދިނުމަށް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ "ލާމަސީލު ޒުވާނާ 2020" ނަމުގައި ކުރިއަށް ގެންދާ ކޭމްޕް ފެށުމުގެ ގޮތުން މިއަދު މެންދުރުފަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވީ، ޒުވާނުން މަސައްކަތުގެ މައިދާނަށް ނުކުންނައިރު ކޭމްޕުން ދަސްވާ ކަންކަމުގެ ބޭނުން ހިފައި ރީތި އަހުލާގީ މިންގަނޑު ހިފަހައްޓާ، އެހެން މީހުންނަށް އިސްކަންދީގެން ދިރިއުޅުން ބައްޓަންކުރާ ބަޔަކަށް ވުމަށް ކަމަށެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ގައުމަށްޓަކައި ކޮށްދޭ ހިދުމަތަކީ ކޮންމެ މީހަކަށް ވެސް ލިބޭ އުފަލަކަށް ވާންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި ޒުވާނުންގެ ހިއްސާއާއެކު މެނުވީ ހަރުދަނާ ޖީލެއް ބިނާ ނުކުރެވޭނެ ކަމަށާއި ޒުވާނުންގެ ބައިވެރިވުން ނެތި ތަރައްގީވެފައިވާ އެއްވެސް ގައުމެއް ނެތްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"ލާމަސީލު ޒުވާނާ" ކޭމްޕަކީ އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން މޯލްޑިވްސް ޕޮލިސް ސާވިސް އާއި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޭމްޕެކެވެ. މި ކޭމްޕްގެ މަގްސަދަކީ ޒުވާނުންނަކީ ޒިންމާދާރު ހަރުދަނާ ސިފަވަންތަ، ގައުމިއްޔަތާއި ދީނަށް ލޯބިކުރާ، މަސައްކަތު މާހައުލަށް ޝައުގުވެރި، މަސައްކަތުގެ އަހުލާގު ދަމަހައްޓާ، ނަމޫނާ ބަޔަކަށް ހެދުމެވެ.

"ލާމަސީލު ޒުވާނާ" ކޭމްޕް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

މި ކޭމްޕްގައި ދަސްކޮށްދޭ ކަންތައްތަކުގެ ތެރޭގައި، އަމިއްލަ ނަފްސާއި މެދު ހޭލުންތެރިކަން އިތުރުކުރުމާއި ނަފުސަށްކުރާ އިތުބާރާއި ޔަގީންކަން އިތުރު ކުރުމުގެ ގޮތުން ރެޕަލިންގެ ނުވަތަ ދުޅަހެޔޮ، ހަށިހެޔޮ ހަރަކާތްތައް ހިމެނެއެވެ. އަދި ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް ކާމިޔާބު ހޯދުމަށް ޓީމް ބިނާކުރުމުގެ ހަރަކާތްތަކުގެ ތެރެއިން ދިރިއުޅުމުގެ ތަފާތު ހުނަރުތައް ދަސްކޮށްދިނުމާއި، ކޮންމެފަދަ ހާލަތެއް މެދުވެރިވިޔަސް އަމިއްލައަށް ސަލާމަތްވާނެ ހުނަރުތައް އަމަލީ ގޮތުން ތަޖުރިބާ ކުރުމުގެ ފުރުސަތު ހޯދައިދިނުން ވެސް ހިމެނެއެވެ.

މީގެ އިތުރުން ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި ރިވެތި އަދަބުތަކާއި މައިންބަފައިންގެ މުހިންމުކަމާއި އިސްލާމީ ރިވެތި އުސޫލުތައް ވެސް މި ކޭމްޕްގެ ތެރެއިން ދަސްކޮށްދެވޭނެއެވެ.

12 ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މި ކޭމްޕްގައި ދ. އަތޮޅާއި ވ. އަތޮޅު ފިޔަވައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ޒުވާނުން ބައިވެރި ވެއެވެ. މިއަހަރުގެ މި ކޭމްޕްގައި ޖުމްލަ 81 ޒުވާނުން ބައިވެރިވާއިރު އޭގެ ތެރޭގައި 32 އަންހެން ބައިވެރިންނާއި 49 ފިރިހެން ބައިވެރިން ހިމެނެއެވެ. ބައިވެރިން ހޮވުމުގައި އިސްކަން ދީފައިވަނީ މަދުރަސީ ތައުލީމު ނިމި، މިވަގުތު ވަޒީފާއެއް އަދާނުކުރާ، ވަޒީފާގެ ބާޒާރަށް ނުކުތުމަށް ތައްޔާރުވަމުން އަންނަ ޒުވާނުންނަށް ކަމަށް ކޭމްޕް އިންތިޒާމްކުރާ ފަރާތުން ހާމަކުރައްވައެވެ. މިއަދު ބޭއްވި "ލާމަސީލު ޒުވާނާ 2020" ކޭމްޕް ފެށުމުގެ ރަސްމިއްޔާތަށްފަހު ކޭމްޕްގެ ބައިވެރިން ވަނީ ކޭމްޕް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ދ. ވާނީއަށް ދިއުމަށް ފުރާފައެވެ.