މަސްތުވާތަކެއްޗާއެކު ކ.ކާށިދޫއާއި ދ. ކުޑަހުވަދޫން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މަސްތުވާތެކެއްޗާއެކު ކާށިދޫން 24 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކާށިދޫގައި މަސައްކަތްކުރާ ފުލުހުންނާއި، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
ފުލުހުން ބުނީ، ކާށިދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން 24 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 9:55 ހާއިރެވެ. މި އޮޕަރޭޝަންގައި އެރަށު އަތިރިމަތިން އޭނާ ހުއްޓުވި ވަގުތު އޭނާގެ އަތުގައި އޮތް އެއްޗެއް އެއްލައިލިތަން ފެނުމުން އެ ނަގައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ސައިޒުގެ ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކ. ގާފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ. މި މައްސަލަ ކާށިދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ހައްޔަރުކޮށްފައި ވަނީ 38 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، އެ މީހާ ހައްޔަރުކޮށްފައި ވަނީ ކުޑަހުވަދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ހިނގާ އިއްޔެ ހަވީރު 4:32 އެހާކަންހާއިރު ހިންގި އޮޕަރޭޝަނުގައެވެ. މި އޮޕަރޭޝަންގައި ކުޑަހުވަދޫ ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު އޭނާގެ އަތުން ފެނިފައިވެއެވެ. މި މައްސަލަ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
މީގެ އިތުރުން ފުލުހުން ވަނީ ނ. ވެލިދޫން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ވެލިދޫ ފަޅު ގެއެއްގައި ބަނގުރާ ކައްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ރޭގެ 8:00 ހާއިރުއެވެ.
މި އޮޕަރޭޝަނުގައި، ފުލުހުން އެ ގެއަށް ވަދެ ބަލައި ފާސްކުރިއިރު އެގޭ ތެރެއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނާއި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ލީޓަރުގެ ފުޅިއަކާއި ބަނގުރާކަމަށް ބެލޭވޭ އެއްޗެއްހުރި ބިއްލޫރި ދެ ފުޅިއާއި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ޑަބިޔަލަކާއި 20 ލީޓަރުގެ ހަމެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކޮށްފައި ނުވާއިރު، މި މައްސަލަ ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.