ކިޔެވުމަކީ ހަމައެކަނި މުދައްރިސުން ދޭ ފިލާވަޅުތައް ދަސް ކުރުމެއް ނޫން ކަމަށާއި ކޮންމެ ކުއްޖެއްގެވެސް އަޒުމަކަށް ވާންވީ ކޮންމެ ދުވަހަކު ވެސް އެއް ކުއްޖަކު އަނެއް ކުއްޖަކަށް އެހީވެ އޯގާތެރި ބަޔަކަށްވުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކުރީގެ އެމްއީއެސް އިމާރާތުގައި އިއްޒުއްދީން ސްކޫލު ހުޅުއްވައިދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ ޔުނިފޯމް ލައިގެން ފޮތް ދަބަސް ހިފައިގެން ކޮންމެ ކުއްޖަކު ސްކޫލަށް އައުމުގެ ބޭނުމަކީ "ކިޔެވުމަށޭ" ކޮންމެ ދަރިވަރަކު ބުނިކަމުގައިވީ ނަމަވެސް ހަގީގީ ކިޔެވުމަކީ ހަމައެކަނި މުދައްރިސުން ދޭ ފިލާވަޅުތައް ދަސް ކުރުން ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ ގިނަ ކުދިންތަކެއް އެއްތަނެއްގައި ތިބެގެން ކިޔެވުމުގެ ބޭނުމަކީ އެކަކު އަނެކަކަށް އޯގާތެރިވާން ދަސްކޮށްދިނުމަށާއި އިހުތިރާމްކޮށް އެހީތެރިވާނެ ގޮތްތައް ދެނެގަތުމަށް ކަމަށެވެ. އަދި ކުދިންގެ ފިލާވަޅުތައް ބުނެދީ، އެކުގައި ތައުލީމް ހާސިލް ކުރުމަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ގިނަ ކުދިންތަކެއް އެއްތަނެއްގައި ތިބެގެން ކިޔަވަނީ އެއް ކުއްޖަކު އަނެއް ކުއްޖަކަށް އޯގާތެރިވާން ދަސްކޮށް އެކަކު އަނެކަކަށް އިހުތިރާމްކުރާނެ ގޮތް ދަސްކުރުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ކޮންމެ ކުއްޖެއްގެ އަޒުމަކަށް ވެސް ހަދަންވީ ކޮންމެ ދުވަހަކު ވެސް އެހެން ކުއްޖަކަށް ކޮންމެވެސް ރަނގަޅު ކަމެއް ކޮށްދިނުން. އެހެން ކުދިންނާ ބައްދަލުކުރާއިރު އަބަދު ވެސް އުފާވެރިކަމާއެކު ހިނިތުންވުމާއެކު ބައްދަލުކުރަން، ކޮންމެ ދުވަހަކު ވެސް އެހެން ކުއްޖަކަށް ކޮންމެ ވެސް ރަނގަޅު ކަމެއްގައި އެހީތެރިވެދޭން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސްކޫލެއްގެ ތެރޭގައި ހުރިހާ ދަރިވަރުންނަކީ އެއް އާއިލާއެއް ކަމަށެވެ. އަދި މައިންބަފައިންނަކީ ސްކޫލުގެ ވެރިންނާއި މުދައްރިސުން ކަމަށާއި އެހެންކަމުން އެ މީހުންގެ ނަސޭހަތް އަބަދުވެސް ގަބޫލު ކުރަން ވާނެ ކަމަށެވެ.

މިދިޔަ އަހަރަކީ ތައުލީމީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް އައި އަހަރެއް ކަމަށެވެ. ކިޔަވައިދިނުމަށާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދީގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި މަތީ ތައުލީމުގެ ދާއިރާއިން ދަރިވަރުންނަށް، ހާއްސަކޮށް ޑިގްރީ ހިލޭ ކިޔެވުމާއި މަތީ ތައުލީމްގެ ލޯނުގެ ގިނަ ފުރުސަތުތައް ފަހިކޮށްދެވުނުކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކުރީގެ އެމްއީއެސް އިމާރާތުގައި އިއްޒުއްދީން ސްކޫލު ހުޅުއްވައިދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

ތައުލީމީ ނިޒާމްއާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިއްޒުއްދީން ސްކޫލަކީ އެތައް ގޮތަކުން ގަދަރު އުފުލިގެންދާނެ ސްކޫލަކަށް ވެގެންދާނެ ކަމަށެވެ. އަދި އެއީ ސަރުކާރުގެ ވައުދުގެ ތެރޭގައި ހިމެނޭ އެއްދަންފަޅި އަށް ސްކޫލުތައް ބަދަލުކުރުމުގައި އާ ފެށުމަކަށް ވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އިއްޒުއްދީންގެ ދަރިވަރުން ހެނދުނުގެ ކިޔެވުން ފަށާނީ ނާސްތާ އަށް ފަހު ކަމަށެވެ. އޭގެ ފަހުން އެސެމްބަލީ އަށް ފަހު ކިޔެވުން ފަށައި މެންދުރު ނަމާދު ވަގުތު ޖެހުމުން، އެ ހުރިހާ ދަރިވަރުން ސްކޫލުގައި ނަމާދު ކުރާނެއެވެ. މެންދުރުގެ ކެއުން އޮންނާނީ އޭގެ ފަހުން ކަމަށާއި އޭރަށް ދަރިވަރުން ތިބޭނީ ގެއަށް ދާން ފުރިހަމައަށް ތައްޔާރުވެފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެ ނިޒާމް ތަންފީޒު ބެލެނިވެރިޔާ އޮފީހަށް ދާނީ 7:40 އަށް ދަރިފުޅު ސްކޫލަށް ލާފައި، ސްކޫލުގައި ދަރިވަރުގެ ދުވަސް ފަށާނީ ހެނދުނުގެ ނާސްތާއިން، އެސެމްބްލީއަށް ފަހު އޮންނާނީ ކިޔެވުން، މެންދުރު ނަމާދު ވަގުތު ޖެހުމުން ސްކޫލުގައި ނަމާދުކޮށް މެންދުރުގެ ކެއުން އޮންނާނެ، ބެލެނިވެރިޔާ އޮފީސް ނިމިގެން ގެއަށް ދާނީ ހެނދުނު ސްކޫލަށްލީ ދަރިފުޅު ގޮވައިގެން، އޭރު ދަރިފުޅު ހުންނާނީ އިތުރު ހަރާތްތަކާއި އެހީދޭ ކްލާާސްތައް ވެސް ނިންމައިގެން، ދެން އެ ދުވަހު ދަރިވަރާއި ބެލެނިވެރިޔާ ވެސް އިތުރު ވަގުތަކު ސްކޫލަށް އަންނާކަށް ނުޖެހޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ބަދަލުގެ ސަބަބުން ކުދިންނަށް ވެސް އަދި ޓީޗަރުންނަށް ވެސް ފައިދާވާނެ ކަމަށެވެ. އަދި ހުރިހާ ކަމެއް ވެސް އިންތިޒާމް ކުރެވިފައި ހުންނާނީ އަމިއްލަ ނަފްސާއި މުޖުތަމައުގެ ކުރިއެރުމަށާއި ތިމާގެ ގައުމުގެ ހެވާއި ލާބަ އަށް މަސައްކަތް ކުރުމަށް ކަމަށެވެ. އަދި 21 ވަނަ ސައްތައިގެ އީޖާދީ ދިރިއުޅުމަށް ލޯތަކާއި ސިކުނޑިތައް ފައްކާވެފައިވާ ދަރިވަރުންތަކެއް ބިނާކުރުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.