އެމްއީއެސް ސްކޫލް ކުރިން ހިންގި އިމާރާތުގައި އަލަށް ހުޅުވި، އިއްޒުއްދީން ސްކޫލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

އެއްދަންފަޅިއަށް ކިޔަވައިދޭ އެ ސްކޫލުން 300 އަށް ވުރެ ގިނަ ދަރިވަރުންނަށް ވަނީ ޖާގަ ދީފައެވެ. ސްކޫލުގައި ފުރަތަމަ ކިޔެވުން ފަށާނީ ގްރޭޑު 1-6 އަށެވެ. އަދި ކޮންމެ އަހަރަކު އާ ގްރޭޑެއް ތައާރަފް ކުރަމުން ގޮސް ގްރޭޑް 10އާ ހަމައަށް ކިޔަވައިދޭނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެ ސްކޫލު ނިސްބަތްވަނީ ރާއްޖެ ހޮޅީންގެ ކިބައިން ސަލާމަތް ކުރެއްވި އައްސުލްތާނުލް ގާޒީ ހަސަން އިއްޒުއްދީން ސިރީކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން ނުވަތަ އާންމު ނަމުންނަމަ ދޮންބަންޑާރައިންނަށެވެ.

ސުކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ އިތުރުން ނައިބް ރައީސް ފައިސަލް ނަސީމާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ސްކޫލު ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ އިއްޒުއްދީން ސްކޫލަކީ ކުރިއަށް އޮތް މަދު އަހަރުތަކުގެ ތެރޭގައި މި ސަރަހައްދުގެ އެންމެ ވަރުގަދަ އެއް ސްކޫލަކަށް ވެގެންދާނެ ކަމަށެވެ.