ދިރާސީ އާ އަހަރުގެ ތަހުނިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އަދި ނައިބު ރައީސް ފައިސަލް ނަސީމް ފޮނުއްވައިފިއެވެ.

ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް މަރުހަބާ ވިދާޅުވެ ރައީސް ސޯލިހް ޓްވީޓެއް ކުރައްވާފައި ވަނީ، މިއަދު ހެނދުނު ދަރިވަރުން ސްކޫލަށް ދިއުމުގެ ކުރިންނެވެ. ރައީސް ސޯލިހް ވިދާޅުވީ، މިއަދު ފެށިގެން މިދާ ދިރާސީ އާ އަހަރަކީ، އާ ފިލާވަޅުތައް ދަސްވެ، އާ ރަހުމަތްތެރިން ލިބި، އުފާވެރިކަމާއި ހިތްހަމަޖެހުމުގެ އަހަރަކަށް ވުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.

އަދި މި އަހަރަކީ، މުޅި އުމުރަށް ދެމިގެން ދާނޭ ފަދަ ހަނދާންތަކަކާއެކު ނިމިގެންދާ އަހަރަކަށް ވުމަށް އެދެވަޑައިގަންނަވާ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

އާ އަހަރުގެ ތަހުނިޔާ ފޮނުއްވަމުން މިނިސްޓަރު އައިޝާ ވަނީ މި ދިރާސިީ އަހަރަކީ ދަރިވަރުންނާއި މުދައްރިސުންނަށް، ބެލެނިވެރިންނާއި މުވައްޒަފުންނަށް ރަހްމަތާއި ބަރަކާތުގެ އަހަރެއް ކަމުގައި ލެއްވުމަށް އެދި ދުއާ ކުރައްވާފައެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިރާސީ އާ އަހަރުގެ ހެޔޮ އެދުން ރާއްޖޭގެ އެންމެހާ ލޮބުވެތި ދަރިވަރުންނާއި މުދައްރިސުންނަށް އަރިސްކުރާ ކަމަށެވެ. އަދި 2020 ވަނަ އަހަރަކީ އިލްމީ ގޮތުން އަލިގަދަ އަހަރެއް ކަމުގައި ލައްވާ، ފުރިހަމަ ކާމިޔާބީ މިންވަރު ކުރެއްވުމަށް އެދި އެމަނިކުފާނު ވެސް ވަނީ ދުއާ ދަންނަވާފައެވެ.

މިއަދަކީ ދިރާސީ އާ އަހަރު ފެށޭ ދުވަސް ކަމަށް ވާއިރު، ފުރަތަމަ ޓާމްގެ ކިޔެވުން ކުރިއަށް ދާނީ އަންނަ މޭ މަހު 21 ވަނަ ދުވަހާ ހަމައަށެވެ. އަދި ފުރަތަމަ ޓާމްގެ ކިޔެވުމުގެ ތެރެއިން މާޗް މަހު ވެސް މިޑް ޓާމް ބްރޭކްގެ ގޮތުގައި ދަރިވަރުންނަށް ޗުއްޓީ ލިބިގެންދާނެއެވެ.