ޕާކިސްތާނުގެ ގުއެތާގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި ބަޔަކު މަރުވުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކަން ކުށްވެރިކުރައްވައި، އެގައުމަށް ތައުޒިޔާ ފޮނުއްވައިފިއެވެ.
ޕާކިސްތާނުގެ ކުވެތާގައި ހުރި މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ކުރަމުން ދަނިކޮށް ރޭ މީހަކު އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއްގައި ވަނީ 15 މީހުން މަރުވެފައެވެ.
މިނިސްޓަރު ޝާހިދު ޕާކިސްތާނުގެ ފޮރިން މިނިސްޓަރު މަހްދޫމް ޝާހް މަހްމޫދު ޤުރޭޝީއަށް ތައުޒިޔާ ވިދާޅުވެ ފޮނުއްވި މެސެޖްގައި ވަނީ ޕާކިސްތާނުގެ ހުޅަނގު ދެކުނުގައި ހުންނަ ގުއެތާގެ މިސްކިތެއްގައި އެއްޗެއް ގޮއްވާލުމާ ގުޅިގެން މިސްކިތުގައި އެވަގުތު ތިބި ކުށެއް ނެތް އެތައް ބަޔަކު މަރުވި ހަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ޓެރަރިޒަމްގެ ހުރިހާ އަމަލަކާ ދެކޮޅު ކަމަށާއި މިސްކިތަކަށް ދިން ނުރައްކާތެރި ހަމަލާ ކުށްވެރި ކުރައްވާ ކަމަށެވެ. އަދި ޓެރަރިޒަމާއި ދެކޮޅަށް ބައިނަލްއަގްވާމީ މުޖްތަމައާ ގުޅިގެން ދިވެހި ސަރުކާރުން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ޕާކިސްތާނަށް ދިމާވެފައިވާ ހިތާމައިގެ މިދަނޑިވަޅުގައި ރާއްޖެއިން ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުންނާ އެކުގައިވާ ކަމަށެވެ. އަދި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށް ވެސް މިނިސްޓަރު އެދިވަޑައިގެންފައިވެއެވެ.
ޕާކިސްތާނުގެ މިސްކިތަށް ހަމަލާދިން ވަގުތު އެ މިސްކިތުގައި 60 އަކަށް މީހުން ތިއްބެވެ. މިސްކިތުގައި ބާރުގަދަ ގޮވުމެއް ގޮއްވާލާފައި ވަނީ ނަމާދަށް ފެށިތާ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. އަދި އެ ގޮވުންތައް ގޮވާފައިވަނީ ޖަމާއަތުގެ ފުރަތަމަ ސަފުގައެވެ.