ކުޅުދުއްފުށި ސިޓީގެ އިންތިހާބީ ހަ ދާއިރާ ކަނޑައަޅައި، އެ ސިޓީ ކައުންސިލަށް އަންހެން މެމްބަރުން އިންތިހާބު ކުރާނެ ދެ ދާއިރާ އިލެކްޝަންސް ކޮމިޝަނުން ގުރުއަތުން ހޮވައިފިއެވެ.

ކުޅުދުއްފުށީގެ ދާއިރާތައް ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ އެ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެ ސިޓީގެ ހަ ދާއިރާ ކަނޑައަޅައި އަންހެން މެންބަރުން އިންތިހާބު ކުރާ ދެ ދާއިރާ ގުރުއަތުން ހޮވައިފައެވެ.

ކުޅުދުއްފުށީގެ ހަ ދާއިރާ:

  1. ކުޅުދުއްފުށި އުތުރު ދާއިރާ (އާބާދީ އަކީ 1678 މީހުން)
  2. ކުޅުދުއްފުށި ހުޅަނގު އުތުރު ދާއިރާ (އާބާދީ އަކީ 1665 މީހުން)
  3. ކުޅުދުއްފުށި މެދު އުތުރު ދާއިރާ (އާބާދީ އަކީ 1752 މީހުން)
  4. ކުޅުދުއްފުށި މެދު ދެކުނު ދާއިރާ (އާބާދީ އަކީ 1732 މީހުން)
  5. ކުޅުދުއްފުށި ހުޅަނގު ދެކުނު ދާއިރާ (އާބާދީ އަކީ 1736 މީހުން)
  6. ކުޅުދުއްފުށި އިރު ދެކުުނު ދާއިރާ (އާބާދީ އަކީ 1647)

އިލެކްޝަންސް ކޮމިޝަނުން ނެގި ގުރުއަތުން، އެ ހަ ދާއިރާގެ ތެރެއިން އަންހެން މެންބަރުން ހޮވާ ދެ ދާއިރާގެ ގޮތުގައި ހޮވުނީ ކުޅުދުއްފުށި މެދު އުތުރު ދާއިރާ އާއި ކުޅުދުއްފުށި މެދު ދެކުނު ދާއިރާއެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ހަތަރު ސިޓީއަކަށް މެންބަރުން އިންތިހާބު ކުރާއިރު އައްޑޫ ސިޓީއާއި ފުވައްމުލަށް ސިޓީ އަދި މާލެ ސިޓީގެ ދާއިރާތަކާއި އަންހެނުންނަށް ހާއްސަ ގޮނޑިތައް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.

ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކޮށްފައި ވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކޮށްފައި ވަނީ އެރަށުގެ އާބާދީގައި ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނުގައި ބުނާ އަދަދު، 10،000 މީހުން ހަމަވުމުންނެވެ.