މިރޭ ހިފާ ހަނދުކޭތަ ބަލާލަން އެހާ ރީތި ނުވެދާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މިރޭ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިރޭ ހިފާނީ ހަނދުގެ އެއް ބަޔަށް ދުނިޔޭގެ ހިޔަނި އެޅޭ "ޕެނަމްބްރަލް" ހަނދުކޭތައެއް ކަމަށެވެ. އަދި ހަނދުގެ އަލިކަން ގެއްލޭނީ ވަރަށް ކުޑަކޮށް ކަމަށާއި އެއީ ބަލާލަން އެހާ ރީތި މަންޒަރަކަށް ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މައުމޫނަކީ ފަލަކީ އިލްމުގެވެސް މާހިރަކަށް ވުމާއެކު އިރުހަނދާ ތަރިތަކާ ގުޅޭ ގިނަ ވާހަކަތައް ދޭތެރެދޭތެރެއިން ހިއްސާ ކުރައްވާ ބޭފުޅެކެވެ. ޢެގޮތުން މިރޭގެ ހަނދުކޭތައާ ދޭތެރޭ ދެކެވަޑައިގަންނަވާ ގޮތްވެސް ހާމަ ކުރެއްވީއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މިރޭ ހިފާ ހަނދުކޭތަ ރާއްޖެއަށް ފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާތީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާ ގޮތަށް ހަމަަޖައްސާފައިވާ ކަމަށެވެ.

އަދި އެ މިނިސްޓްރީން ބުނީ މިރޭ ހަނދު ކޭތަ ހިފުމާ ގުޅިގެން އިސްލާމީ މަރުކަޒުގައި ކުރާ ކޭތަ ނަމާދު ވަގުތުން ދައްކާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

މިރޭ ހިފާ ހަނދުކޭތަ އާ ގުޅިގެން ކޭތަ ނަމާދު ކުރުމައް ހަމަޖެހިފައިވަނީ މިރޭ ދަންވަރު 12:00 ގައި ކޮންމެ ރަށެއްގެ ވެސް އެންމެ ބޮޑު މިސްކިތުގައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވާ ގޮތުގައި މިރޭ ރާއްޖޭގެ ގަޑިން 10:07 އިން ފެށިގެން 11 މިރޭ މެންދަމު 02:12 އާއި ދެމެދު ފުރިހަމަ ހަނދުކޭތައެއް ހިފާނެ ކަމަށެވެ. އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މެންދަމު 12:10 ގައެވެ.

އެންމެ ފަހުން ކޭތަ ހިފާފައި ވަނީ މިދިޔަ ޑިސެމްބަރުމަހެވެ. އެއީ އިރުކޭތަ އެކެވެ.