180 މީހުންނާއެކު އީރާނުން ފުރައިގެން ޔޫކްރައިންއަށް ދަތުރުކުރަމުންދިޔަ ފްލައިޓް ޕީއެސް 752 ވެއްޓުނީ ބައިނަލްއަގުވާމީ މުޖުތަމައުން ވަކާލާތު ކުރަމުންދާ ގޮތަށް، އީރާނުން ފޮނުވާލި މިސައިލް ހަމަލާއެއް އަމާޒުވެގެން ނޫންކަމަށް އީރާނުން ތަކުރާރުކޮށް ބުނެފިއެވެ.

އީރާނުގެ ސިވިލް އޭވިއޭޝަން ޗީފްގެ އިސްވެރިޔާ ވިދާޅުވީ، މަތިންދާބޯޓުގައި މިސައިލްއަކުން ނުޖެހޭކަން ޔަގީންވާކަމަށެވެ.

އީރާނުން މިފަދަ ރޫހެއްގައި ވާހަކަދައްކާފައި މިވަނީ، އޮޅުމަކުން ނަމަވެސް ފްލައިޓް ޕީއެސް752އަށް މިސައިލްއެއް އަރާފައިވާކަމަށް ހުޅަނގުގެ ގައުމުތަކުން ބުނަމުންދާ ބުނުމަށް ރައްދު ދެމުންނެވެ.

ބޯޓު ވެއްޓުނު ހާދިސާގައި، އެ އިން ދަތުރުކުރި އެންމެންގެ ފުރާނަވަނީ ގެއްލިފައެވެ. މަރުވި މީހުންގެ ތެރޭގައި އީރާނުގެ 82 މީހަކާ، ކެނެޑާގެ 63 މީހަކާ، ޔޫކްރައިންގެ 11 މީހުންގެ އިތުރުން ސްވީޑްން، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި އަފްގާނިސްތާނުގެ ރައްޔިތުން ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.

އީރާނުގެ ވެރިރަށް ތެހްރާން މަތިން ބޯޓު ދަތުރުކުރަމުންދަނިކޮށް، އޭގައި ކޮންމެވެސް އެއްޗެއް ޖެހޭތަން ފެންނަ އާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ވައިރަލް ވަމުންނެވެ.

ޔޫކްރައިން އިންޓަނޭޝަނަލް އެއާލައިންސްގެ މަތިންދާ ބޯޓު ވެއްޓިފައިވަނީ، އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްތަކަށް އަމާޒުކޮށް އީރާނުން ރޮކެޓް މިސައިލް ހަމަލާތަކެއް ފޮނުވާލިތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައެވެ.